މަޖިލީހުގައި މަރުތަޅު އަޅުވަނީ އިތުބާރުގެ މައްސަލަ ހުއްޓުވަން: އެމްޑީޕީ މަޖިލިސް މެމްބަރުން

Screenshot 2023-06-10 at 17.35.08

ރައްޔިތުންގެ މަޖިލީހުގައި މަރު ތަޅު އަޅުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދާތީ އެކަމާ ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އަޑު އުފުލަން ފަށައިފިއެވެ.

އެމްޑީޕީގެ މެމްބަރުން ޓުވީޓް ކުރައްވައި ރައީސް ނަޝީދު ވަކި ކަމެއް ހާސިލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓަވާލައްވާ، ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.

މިގޮތުން ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު ވިދާޅުވީ، މަޖިލީހުގައި މަރުތަޅެއް ނޭޅޭ ކަމަށާއި، ކޮމީޓީތައް ހުއްޓުވައިގެން އުޅުއްވަނީ ގަވައިދާ ހިލާފަށް ކަމަށާއި، އާންމު ކޮމިޓީގެ ބައްދަލުވުން ބާއްވަން ޖެހޭ ކަމަށެވެ. އަދި ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ނާޝިޒް ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން މަޖިލިސް ރައީސް ނަޝީދު އާއި ނައިބްރައީސް އިވާ އަބްދުﷲ ގެ އާއިލީ މުދަލަކަށް މަޖިލިސް ނަހައްދަވާ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވަވައިދެއްވުމަށް ނާޝިޒް ވަނީ އެދިވަޑައިގެންނެފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުالله ޝަފީގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވައިދު އޮތީ ޑެޑްލޮކަކަށް މަޖިލިސް ދާ ގޮތަށް ނޫން ކަމަށާއި، މަޖިލީހުގެ ރައީސް އާއި ނައިބްރައީސަށް ރިޔާސަތު ނުބެލެހެއްޓޭހާ ހާލަތެއްގައި މަޖިލިސްގެ ޖަލްސާތައް ކުރިޔަށްގެންދާ ގޮތް މަޖިލިސް ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލިސް ޑެޑްލޮކަކަށް ދިއުމުގެ ޒިންމާ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އުފުއްލަވަން ޖެހޭނެކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުންކަމަށާއި، ވަކި މަގްސަދެއް ހާސިލްކުރަން މަޖިލިސް ހިސޯރުކުރެވިގެން ނުވާނެ ކަމަށެވެ.

އައްޑޫ ފޭދޫ ދާއިރާގެ މެމްބަރ ނިހާދު ވިދާޅުވީ، މުޅި މަޖިލިސް ހުއްޓުވައި މަރު ތަޅު އަޅުވައިގެން ތިބީ ރައީސް ނަޝީދު އާއި އީވާއާ ކަމަށާއި، މަޖިލިސްގެ މެޖޯރިޓީ އިން އިތުބާރު ނެތް ކަމަށް ސޮއިކޮށް މައްސަލަ ހުށަހެޅުމުން ޑިމޮކްރަޓިކްގެ ރީތި ސިފައަކީ އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކުރުމުން ލިބޭނީ ރައްޔިތުންނަށް ގެއްލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް 54 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު، އީވާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތަކާމެދު ގޮތެއް ނިންމިފައިނުވާތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މުއްދަތެއް ނެތްގޮތަށް މަޑު ޖައްސާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *