ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި ފުރަތަމަ ސަފީރު އަބްދުލް ގަފޫރު މުހައްމަދު ސަފީރުކަމުގެ ލިޔުން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް އަރުވައިފި އެވެ.
ސަފީރުކަމުގެ ލިޔުން ބައިޑެންއަށް ގަފޫރުގެ އެރުވީ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ބައިޑެން ވަނީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއިން އަދާކުރަމުން އަންނަ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ގަފޫރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބޭރު ދުނިޔެ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނަކަން ފާހަގަކުރައްވައި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ޑިމޮކްރަޓިކް މުޖުތަމައެއް ރާއްޖޭގައި ގާއިމްކުރުމަށް އެމެރިކާއިން ވެދެމުން އަންނަ އެހީތައް ގަފޫރު ވަނީ ފާހަގަކުރައްވައި ދިވެހިންގެ ނަމުގައި ބައިޑެން އާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ ކުރިން ރާއްޖެއިން ސީދާ އެމެރިކާއަށް ހާއްސަ ސަފީރެއް ކަނޑައަޅާފައެއް ނުހުރެ އެވެ. އޭގެ ބަދަލުގައި އެމެރިކާގައި ރާއްޖެ ތަމްސީލްކޮށް ސަފީރުގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވަނީ، ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ.