ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

301541_ff96714c-d_

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނާއި އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.

ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް ސޯލިހުއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ސީޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނެއެވެ. ދިވެހިރާއްޖެއާ ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 ޖުލައި 1980 ވަނައަހަރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *