20 ހޮސްޕިޓަލަކާއި، ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އައިޓީ ސާމާނު ހަވާލުކޮށްފި

301504_893e2b56-b_

ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން "ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އައި.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުން" މަޝްރޫޢު ނައިބުރައީސް ފައިސަލް ނަސީމް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މިއަދު ހ. މީރުމާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފުތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ފައިސަލް ވިދާޅުވީ މިއަދު އިފުތިތާޙުކުރެވިގެންދިޔަ މަޝްރޫޢުގެ ސަބަބުން ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި މަޝްރޫޢުގެ ސަބަބުން މުޅި ޞިއްޙީ ދާއިރާއަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ އިސްނެންގެވުމުގެ ދަށުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު ސިޔާސަތަކީ މީހުން ބިނާކުރުމުގެ ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސިޔާސަތުގެ ދަށުން ގިނަކަންކަން މީހުން ބިނާކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުންވެސް، މި ރަސްމިއްޔާތުގައި ނައިބުރައީސް ވަނީ މި ސަރުކާރުން ރައްޔިތުންގެ ފަސޭހައަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންފާކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ބެލުމަށްފަހު ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގެންގުޅޭ އެއްވެސް މީހެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ މައްޗަށްވެސް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދު މި އިފުތިތާޙުކުރެއްވި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލަށާއި ގިނަ ޞިއްޙީ މަރުކަޒުތަކަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ނައިބުރައީސްއެވެ.

ޞިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. އަދި މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 608 ކޮމްޕިއުޓަރ ސިސްޓަމާއި، 44 ލެޕްޓޮޕާއި، 500 ޓެބްލެޓާއި، 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް އަދި 551 ޕްރިންޓަރ އެވެ.

މިއަދު މި މި ޙަވާލުކުރެވުނު އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށާއި، އަދި މި ސަރުކާރުން ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ފ އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތްކެއަރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *