އަލްމަރްޙޫމް އަބްދުﷲ ޖަމީލްގެ އާއިލާއާ ރައީސް ބައްދަލުކުރައްވައިފި

302265_f41e59d4-9_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޢާއިލާއާ ބައްދަލުކުރައްވައި އެ މަރްޙޫމްގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އައު ކުރައްވައި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މަރްޙޫމްގެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި 54 އަހަރުގެ ދިގު މުއްދަތަކަށް މަރްޙޫމް ޢަބްދުﷲ ޖަމީލް ދަޢުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރެއްވިއެވެ. މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެއްލިގެން އެދިޔައީ ދަޢުލަތާއި މުޅި ޤައުމުގެ ޚިދުމަތްތެރިއެއް ކަމުގައެވެ. އަދި ރައީސް ސޯލިހު ވަނީ ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރްޙޫމްގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަރްޙޫމްގެ ޢާއިލާއިން ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލްގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްމަރްޙޫމް ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވާފައެވެ. މި ދަފްތަރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވަނީ ޢަބްދުﷲ ޖަމީލްގެ އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ހިތާމައެއްކަން ފާހަގަކުރައްވައި މަރްޙޫމްގެ 54 އަހަރުގެ ޤައުމީ ޚިދުމަތުގައި ފާހަގަކުރެވިގެން ދަނީ ކޮންމެ ކަމެއްގައިވެސް ދިވެހި ދަޢުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ޤައުމީ ހަޔާތުގަޔާއި ބަރުލަމާނީ ހަޔާތުގައި އަދާކުރައްވާފައިވާ ހިދުމަތްތެރި ދައުރަށް ރައީސް ސޯލިހު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހު ލިޔުއްވި ބަޔާން ނިންމަވާލައްވާފައި ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމުންނެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ ބަޔާނެއް ލިޔުއްވާފައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12ވާ ހޯމަ ދުވަހުގެ މެންދުރު ފަހު. 1:00އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. އަދި މަރްޙޫމް ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.

Leave a Reply

Your email address will not be published. Required fields are marked *