މަޖިލީހުގެ މަސައްކަތް ހުއްޓުވާތީ އެމްޑީޕީ ޕީޖީން ކަންބޮޑުވުން ފާޅުކޮށްފި

MDP-PG

ރައްޔިތުންގެ މަޖިލީހުގައި މިއަދު މުހިންމު މަސައްކަތްތަކެއް ކުރަން އެޖެންޑާ ކޮށްފައި ވަނިކޮށް މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލުމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީ ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ އެޖެންޑާގައި ހިމެނޭ މަޖިލީހުގައި ހުއްޓިފައިވާ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލައަކީ މިވަގުތު މަޖިލިސް ކުރިޔަށް ގެންދިޔުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށާއި، އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މަޖިލީހުގައި ތަމްސީލްކުރާ ހުރިހާ ޕާޓީތަކާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނާ ތިންފަހަރު މަތިން މަޝްވަރާ ކުރުމަށްފަހު މަޖިލީހުގެ ގަވައިދު ބަޔާން ކޮށްފައިވާ ހަމަތަކާއި ނިސްބަތުގެ މައްޗަށް ކަމަށެވެ.

މި މައްސަލައިގައި މަޖިލީހުގެ އިދާރާއިން ގޮތެއް ހުށަހަޅާފައި ވަނިކޮށް، އެއިން އެއްވެސް ކަމަކަށް ބަހުސްކުރުމުގެ ފުރުސަތު ނުދީ، މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު މެމްބަރުންނަށް މަޖިލިސް ހަލަބޮލިކުރަން ފުރުސަތުދީ ގަވައިދާ އެއްގޮތަށް އަމަލުކުރަން ފަސްޖެހި މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު މަޖިލިސް ހުއްޓާލާފައި ކަމަށް އެމްޑީޕީ ޕީޖީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާގޮތުން ރައްޔިތުންގެ މަޖިލިހުގެ އިތުރު އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ އަދި ގޮތެއް ނިންމޭނީ ރައްޔިތުންގެ މަޖލހަށް ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު ކަމަށާއި، އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 މާއްދާގެ (ހ) އާއި 149 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމެޓީތަކަކީ މެދުނުކެނޑި އަބަދުވެސް ދެމި އޮންނާނެ ކަމަށްވެސް އެމްޑީޕީގެ ޕީޖީން ބުނެއެވެ.

މީގެއިތުރުން އެމްޑީޕީ ޕީޖީން ބުނީ، މަޖިލީހުން އެހެން ގޮތަކަށް ފާސްކުރާހާ ހިނދަކު މަޖިލީހުގެ ގަވައިދު ބުނާ ގޮތުގެ މަތިން ކޮމެޓީތަކުގައި ތިބި މެމްބަރުން އެ ކޮމިޓީތަކުގައި ދެމި ތިބޭނެ ކަމަށާއި، ނަމަވެސް މިއަދުގެ ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތު ދިނީ އެޖެންޑާގައި ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައާއި އިތުރު މުހިންމު މައްސަލަތައް އެޖެންޑާކޮށްފައި އޮތުމުން ކަމަށެވެ.

އެމްޑީޕީން ވަނީ މަޖިލީހުގައި ކުރިޔަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާ މުހިންމު މައްސަލަތައް ކުރިޔަށް ގެންދިޔުމުގެ ޖާގަ މެމްބަރުންނާއި، މަޖިލިސް އިދާރާއިން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *