ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އެލަވެންސް ބޮޑުކޮށްފި

302552_4a029343-2_

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވެންސް ސަރުކާރުގެ ވައުދާ އެއްގޮތަށް އިތުރުކޮށްދީފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވެންސަށް ގެނެވުނު ބަދަލުތައް ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާއި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤާ އާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އިސްމާޢީލް އައްޒާމް ވަޖީހު އެވެ.

މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ 2،000 ރުފިޔާގެ ބަދަލުގައި 3،000 ރުފިޔާ ދިނުމަށް މި ހިނގާ ޖޫން މަހުން ފެށިގެން ދިނުމަށް ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އެނދުމަތިވެފައިވާ ފަރާތްތަކަށް ކެއަރާ އެލަވަންސްގެ ގޮތުގައި އިތުރު 2،000 ރުފިޔާގެ އިނާޔަތަކާއި، އަދި އެފަދަ ފަރާތްތަކަށް އަސާސީ ކަންކަމަށް، ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި ދެވޭ 1000ރ. ގެ އެލަވެންސެއް މިއަދު ވަނީ ތައާރަފުކޮށްފަ އެވެ. އަދި އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަކަށްވުރެ ގިނަ ފަރާތް އުޅޭ ނަމަ އިތުރަށް ކޮންމެ ފަރާތަކަށް 1000ރ. ލިބިގެންދާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފާރާތްތަކަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ޤާއިމުކުރުމަށް މި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ އެކަން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. އަދި މި ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެނގޭނެ ވަރަށް ތަފްޞީލީ ދަފުތަރެއް އެކުލަވާލައްވާފައެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ 11،371 މީހުން ރާއްޖޭގައި އުޅެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *