’ނިންމާލަނީ، މި ނިންމާލަނީ' – ނަޝީދުގެ މުށުތެރޭ މުޅި މަޖިލިސް

355186725_837962787928621_5591244194819629260_n

"ބިސްމިއްލާހިއްރަހްމާނިއްރަހީމް. އަލްހަމްދުލިއްލާހި ވައްސަލާތު ވައްސަލާމް އަލާ ރަސޫލިﷲ ވައަލާ އާލިހީ ވަސަހްބިހީ ވަމަން ވައާލާ. މަޖިލިސް ފެށުނީ."

މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި ވިލިފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން އަފީފް އިއުލާން ކުރެއްވިއެވެ. ދައުލަތުގެ އެއް ބާރުގެ އެންމެ އުސް ގޮނޑިކޮޅުގައި މިވަގުތަށް އިންނެވިއެއްކަމަކު، އަފީފަކީ މީހަކު އެތާ ބެއިންދީތީ އިން މީހެކެވެ. ގޮނޑިކޮއްކޮއެކެވެ. ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ ބާރުން އަފީފް އެ މަގާމަށް ހަމަޖެއްސެވީތީ މިވަގުތަށް އެ ގޮނޑީގައި އިނީއެވެ. އަފީފަށް ވަރަށް ބޮޑަށްވެސް އެކަން ފަހުމްވެއެވެ. ގޮނޑީގައި އިށީނުމާއެކު ކޮނޑުގައިއެޅޭ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ހަނދާންނެތޭ ކަހަލައެވެ. ގިނަ ރައްޔިތުންގެ ބަސް އިއްވޭނެކަން ޔަގީންކޮށް، ދިމަގްރާތީ ނިޒާމް ހިންގުމަށް ބޭނުންވާ އެންމެ އަސާސީ އެއް މުއައްސަސާ އެންމެ ރަނގަޅަށް ހިނގާނޭކަން ކަށަވަރުކުރަން މިވަގުތަށް ޖެހުނެއްކަމަކު، އަފީފަށް އެއީ އެހާ ބޭނުންތެރި ކަމެއް ނޫނެވެ. އެހެން ކަންކަން ޔަގީންކޮށް ނިންމުން މިވަގުތަށް މާ މުހިންމެވެ.

 

މަޖިލިސް ނަޝީދުގެ މުށުތެރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސް ކަމުުގެ މަގާމުގައި ހުންނެވީ އެމަނިކުފާނާއި އާއިލީ ގޮތުން ގުޅުން އޮންނަ އީވާ އަބްދުﷲއެވެ. ދެ ބޭފުޅުންނަކީވެސް ސިޔާސީ މައިދާނަށް ފަރިތަ އަދި އެމްޑީޕީ އެންމެ މެންބަރުން ވަރަށް ގާތުން ދަންނަ ދެ ބޭފުޅުންނެވެ. އެހެންނަމަވެސް، ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގެ ރައީސް ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއާއެކު، އެމަނިކުފާނުގެ ސިޔާސީ މުސްތަގްބަލާއި މެދު އުފައްދާ ސުވާލުތަކަށް ޖަވާބެއްދެއްވަން އެމަނިކުފާނަށް މިހާރު މަޖުބޫރުވާކަހަލައެވެ. 

ރައީސް ނަޝީދުގެ ސިޔާސީ މުސްތަގްބަލު މިވަގުތަށް ޔަގީން ކުރެވެން އޮތީ ސަރުކާރު ބަލިކަށި ކޮށްލައިގެންނެވެ. އެއީ، އެ ޕާޓީއެއްގެ ރައީސް ކަމުގެ މަގާމުގައި އެމަނިކުފާނުވެސް ހުންނެވި، އެމްޑީޕީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވައިގެންނެވެ. އެކަން ކުރުމަށް ބޭނުންކުރާ އެންމެ މައިގަނޑު ވަސީލަތަކީ ރައްޔިތުންގެ މަޖިލީހެވެ.

ރައްޔިތުންގެ މަޖިލިސް ހިނގަންވާނޭ ގޮތުގެ ގަވާއިދެއް އެކުލަވާލައި އަމަލު ކުރަމުން އައެއްކަމަކު، ހުރިހާ ކަމެއްވެސް ނިންމާލަނީ އެމަނިކުފާނު ބޭނުންވާ ގޮތަށެވެ. މަޖިލީހުގެ މެންބަރުން ދައްކާ ވާހަކަ ޝަރަހަ ކުރައްވަނީ އެމަނިކުފާނެވެ. އެ ބޭފުޅުން ވިދާޅުވާ 'ހަގީގީ' ވާހަކަ ނިންމަނީ ރައީސް ނަޝީދެވެ. ނިޒާމީ ނުކުތާތަކުން މަޖިލިސް ހުއްޓުވުމަކަށް ގެންނަ ކަމުގައިވާނަމަ، އެކަންވެސް ނިންމަނީ އެމަނިކުފާނެވެ. މަގުބޫލު އުޒުރެއް ނެތި މަޖިލީހުގެ ޖަލްސާއަކަށް ވަޑައިނުގެން، ރިޔާސަތު އަފީފާ ހަވާލުކުރުމަކީވެސް ކޮންމެ ދުވަހަކު ހެނދުނު ހިތައް ފެންނަ ގޮތެއްގެ މައްޗަށް ނިންމާ ނިންމުމެކެވެ. މުޅި މަޖިލިސް ހިންގާ ގޮތް ހަގީގަތުގައިވެސް ނިންމަނީ އެމަނިކުފާނެވެ.

 

ސިޔާސީ ޗަރުކޭސް – ނިޒާމު ފުނޑާލުން

ރައީސް ނަޝީދު ހިތައްފެންނަ ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިޔުމަކީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ރުހޭނޭ ކަމެއް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ އޮވެ، ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ކުރިއަށް ނުގެންދެވޭނަމަ އެކަމުގެ ޝަކުވާ ބޮޑުވާނެއެވެ. މަޖިލިސް ހިސާރުކޮށްގެން، މެޖޯރިޓީގެ އަޑު ކަނޑުވާލާނަމަ އެކަމާ ދެކޮޅަށް ނުރުހޭ މެންބަރުން ތެދުވާނެއެވެ. މިވަގުތު، ރައްޔިތުންގެ މަޖިލީހުގައި ދިމާވެގެން މި އުޅެނީ އެ މައްސަަލައެވެ. ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދެކޮޅު ހައްދަވާތީ މިހާރުވަނީ ރައީސް ނަޝީދުގެވެސް އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ވައްދާފައެވެ. ދެ މައްސަލަވެސް ވެއްދީ އިތުބާރުނެތް ކަމުގެ މައްސަލައެއް ފާސްވުމަށް ބޭނުންވާ އަދަދަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކުއެވެ.

މިއާއެކު، މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަށް ދެކޮޅު ހައްދަވައި، އަފީފް ރިޔާސަތުގައި ބައިންދަވައިގެން މަޖިލިސް ހުއްޓުވުމަކަށް ގެންނަވަން ރައީސް ނަޝީދުވަނޫ ނިންމަވާފައެވެ. މަޖިލީހުގެ ރިޔާސަތުން އިސްތިއުފާނުދީ، ގަދަ ބާރުން މަގާމުގައި ހުރުމަށް ކުރެވޭނޭ ހުރިހާ ކަމެއް ދަނީ ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަކީ ތިން ބާރު ވަކިވެފައިވާ މި ނިޒާމު ހިނގައިގަތުމަށް މުހިންމު މުއައްސަސާއެކެވެ. އެ މުއައްސަސާގެ އިސް މަގާމުގައި ބަގުޑިބައްދައި، މުއައްސަސާ ހިންގުން ހުއްޓުވުމަކަށް ގެނައުމުން ދެން ގެއްލެނީ ރައީސް ނަޝީދަށް ކުރާ އިތުބާރު އެކަންޏެއް ނޫނެވެ. މުއައްސަސާއަށްވެސް ކުރާ އިތުބާރެވެ. ނިޒާމަށް ދޭ އިހްތިރާމެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ނަގާލައިގެން، ބަރުލަމާނީ ނިޒާމަކާއި ދިމާލަށް ދިވެހިން ގެންދެވޭނެ ކަމަކަށްވެސް ގަބޫލެއްނުކުރެއެވެ. ކުޅުއްވާ ސިޔާސީ ޗަރުކޭހުން މިފަހަރު ގެއްލުންދެނީ މުޅި ނިޒާމަށެވެ.

 

"ނިންމާލަނީ. މި ނިންމާލަނީ"

ޖޫން 14 ވަަނަ ދުވަހުގެ ޖަލްސާ ފެށުމާއެކު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަޑުގަދަ ކުރައްވައި މަޖިލީހުގެ ނިޒާމް ގެއްލުވާލިއެވެ. މަޖިލިސް އެޖެންޑާއާމެދު ހިތްހަމަޖެހިވަޑައިނުގެން ކަމަށްބުނެ، މަޖިލީހުގައި އަޑުގަދަ ކުރައްވަމުން ގެންދެވީ މަޖިލިސް ހިންގިޔަ ނުދިނުމަށްޓަކައެވެ. އެކަން ރިޔާސަތުގައި އިންނެވި އަފީފަށްވެސް އެނގިވަޑައިގަންނަވައެވެ. ގަވާއިދާއި އެއްގޮތަށް އެއިން މެންބަރެއްގެ ނަން އިއްވަން ފަސްޖެހިވަޑައިގަތީވެސް އެހެންވެއެވެ. މަޖިލީހުގެ ހުރިހާ ކަމެއް ނިންމަވާ ފަރާތުން އެކަމަށް ހުއްދަ ދީފައި ނެތީކަހަލައެވެ.

އަފީފްގެ ހުރިހާވެސް އަމަލެއް ބައްޓަން ކުރަންޖެހެނީ ރައީސް ނަޝީދު ނިންނަމަވާ ނިންމެވުމެއްގެ މައްޗަށެވެ. މުއައްސަސާގައި ކިތަންމެ ގިނަ ދުވަހަކު އުޅުނަސް އެ މުއައްސަސާއަށް އިހުތިރާމް ނުކުރާ ފަދައެވެ. ރައްޔިތުންނަށް ގޮންޖަހާފަދައެވެ.

ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތް އައިޓަމް ކުރިއަށް ނުގެންދެވި އެންމެ ފަހުން ޖަލްސާ ނިންމާލަން ޖެހުނީ ފޯނަށް އައި ކޯލަކުން ދިން އޯޑަރާއެކުއެވެ. އާންމުކޮށް ދައްކަމުންދިޔަ އެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، މައިކުން އަޑު ކަނޑާނުލައްވައި ނެންގެވި ފޯނަށް އަފީފް ދިނީ ކުރު ޖަވާބެކެވެ. "ނިންމާލަނީ، މި ނިންމާލަނީ". މަޖިލީހުގެ ވެރިފަރާތުން ނިންމާލަން ބުނާކަހަލައެވެ.

"…..ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ޖޫން 2023 ވާ ހޯމަ ދުވަހު ހެނދުނު 09:00. ވަލްހަމްދުލިއްލާހި ރައްބިލް އާލަމީން. މަޖިލިސް ނިމުނީ". އެދުވަހަކަށް މަޖިލިސް ނިމުނީއެވެ. ސިޔާސީ ޗަރުކޭސް ކުޅުން ދެން އޮންނާނީ ހޯމަ ދުވަހުއެވެ.

 

-ނިމުނީ-

Leave a Reply

Your email address will not be published. Required fields are marked *