އިސްތިއުފާ ދިނުމަކީ ބެސްޓް ޕްރެކްޓިސް، އެކަމަކު ނުދޭނަން – ނަޝީދު

IMG_0484

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އިސްތިއުފާ ދިނުމަކީ ދުނިިޔޭގެ އެހެން ގައުމްތަކުގައިވެސް އަމަލު ކުރަމުންދާ ބެސްޓް ޕްރެކްޓިސް ކަމަށާއި، އެހެންނަމަވެސް މިވަގުތު އިސްތިއުފާ ދޭން ނުވިސްނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން، ޤާނޫނުން އެ ދެ މައްސަލަ އެއްފަހަރާ ކުރިއަށް ގެންދަން ހުރަސް އެޅޭ ކަމަށާއި، އެފަދަ ހާލަތެއްގައި ދެން ބައްލަވަން ޖެހޭނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެހެން ގައުމްތަކުގައި އަމަލު ކުރަމުން އަންނަ ގޮތަކީ މިފަދަ ހާލަތެއްގައި އިސްތިއުފާ ދިނުން ކަމަށެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ނުދެއްވާނެ ކަން ރައީސް ނަޝީދުވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކުރައްވާފައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދިނުމަކީ، ދިވެހި ރައްޔިތުންނަށާއި، މައިނޯރިޓީ ޕާޓީތަކަށާއި އަދި ރައްޔިތުންގެ މަޖިލީހަށްވެސް މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރި ގިނަ މެންބަރުން އެމަނިކުފާނަށް މެސެޖުކޮށް އެއީ މަޖުބޫރީ ހާލަތެއްގައި ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން، އިތުބާރުނެތް ކަމުގެ މައްސަލަ ފާސްނުވާނެ ކަމަށް ގަބޫލުކުރައްވާތޯ ނޫސްވެރިއަކު އެއްސެވުމުން އެ ސުވާލަށް ޖަވާބު ދެއްވަން ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ފާސްވުމަށް ބޭނުންވާ މެންބަރުންގެ އަދަދަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކުއެވެ. އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވަން ރައީސް ނަޝީދު އަންނަނީ މިހާރު ދެކޮޅު ހަދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ފިޔަވައި ދެން އައްޔަން ކުރާ މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާގައެވެ. ވިލިފުށި ދާއިރާގެ މެންބަރު އަފީފް ރިޔާސަތު ބަލަހައްޓަން ފެށިފަހުން ވިދިވިދިގެން 3 ޖަލްސާ މިހާރު ބާއްވާފައިވާއިރު، ދެން ޖަލްސާތައް ކުރިއަށްދާނީ ރައީސް ނަޝީދު ރިޔާސަތާއި ހަވާލުވެގެންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވަނީ، މަޖިލިސް ކުރިއަށް ގެންދެވޭނީ ނައިބު ރައީސް، ނުވަތަ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަަލަ އަނބުރާ ގެންދިޔުމުން ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *