ރައީސް ނަޝީދު އުޅުއްވަނީ މަޖިލީހުގެ ރައީސްގެ ޒިންމާތައް އަދާ ނުކުރައްވަން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސަލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ރައީސް ނަޝީދުގެ އަމަލުތައް މިހާރު ހުންނެވީ ޒިންމާތަކުން ރެކިވަޑައިގަންނަވަން ކަމާށާއި އެމަނިކުފާނުގެ އަމަލުތަކުން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާކަމަށް ވިދާޅުވާ ވާހަކަ އަސްލަމް ވަނީ މިއަދު ތަކުރާރުކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަަލަ ހުށަހެޅުމާއެކު، މަޖިލިސް ހުއްޓުމަކަށް ގެނެސް ރައީސް ނަޝީދު އަންނަނީ އެ މައްސަލަަތައް އަނބުރާ ގެންދިޔުމަށް ބާރު އަޅުއްވަމުންނެވެ. އެގޮތުން، އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ކުރިއަށް ދާނީ އެތަނުން އެއް މައްސަލަ އަނބުރާ ނެގުމުން ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ، ނަޝީދު ހުށަހަޅުއްވާ ސިޔާސީ ކޮމްޕްރޮމައިޒް އަކީ ކުރާ ޒާތުގެ ކަމަކަށްވުރެ މުހިންމު ބޮޑު ކަމެއް ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، އެފަދަ ކޮމްޕްރޮމައިޒްތައް ކޮށްގެން މަޖިލިސް ހިންގުމަކީ ޤާނޫނު އަސާސީއިން ބުނާ ބާރުވެރިކަން ނެތިދިޔުން ކަމަށެވެ. އެފަދަ ނިންމުމެއް ނިންމަވަން އަދި ގަސްތު ނުކުރައްވާ ކަމަށާއި، އެއީ އެމްޑީޕީ ޕީޖީއިން މަޝްވަރާ ކުރުމަށްފަހު ނިންމަންޖެހޭ ކަމެއް ކަމަށެވެ.
އެހެންނަމަވެސް، އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔުމަށް ގިނަ މެންބަރުން ނުރުހޭ ކަމަށްވެސް އަސްލަމް ވަނީ މިއަދު ވިދާޅުވެފައެވެ. އެގޮތުން، ރައީސް ނަޝީދު މަޖިލީހުގެ ބައެއް މެންބަރުންނާއި ޒާތީވެ، "ހެރޭސްމެންޓް" ގޮތުގައި ސިފަވާކަހަލަ ބައެއް ކަންކަން ކުރައްވާތީ، ނަޝީދަށް ގިނަ މެންބަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، މައްސަލަ އަނބުރާ ގެންދިޔުމަށް ގިނަ މެންބަރުންގެ "ރިޒަވޭޝަންސް" އެބަހުރި ކަމަށެވެ. މީގެއިތުރުން، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރި 54 މެންބަރުންގެ އިތުރުން، އިތުރު 6 މެންބަރަކުވެސް ނަޝީދާއި ދެކޮޅަށް ވޯޓު ދޭނެކަމަށް ވިދާޅުވެފައިވާކަމަށްވެސް އަސްލަމް މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތަކީ ގިނަ ބާރުތަކެއް ލިބިދީފައިވާ މަގާމެއް އިރު، އެ މަގާމުގެ ބާރުތައްވެސް ނަހަމަ ގޮތުގައި ރައީސް ނަޝީދު ބޭނުންކުރައްވަމުން ގެންދަވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ހުށަހެޅިފައިވާ މުހިންމު ގިނަ މަސައްކަތްތަކެއް ނަޝީދު ހުއްޓުވާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޑެޑްލޮކް އިން ސަލާމަތް ކުރުމަށް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުވެސް ނަޝީދު އެޖެންޑާ ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ ރިޔާސަތުން ބޭނުންވީމާ ބައެއް ކަންކަން އަވަސްކުރާކަމަށް ވިދާޅުވެ އަސްލަމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިމުމަކާއި ގާތްވެފައިވާއިރު، މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އިތުބާރު ނެތްކަމުގެ މައްސަަލަ ހުށަހަޅާފައި އޮތްހާހިނދަކު މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަށް ނަޝީދުވަނީ އުޒުރުވެވަޑައިގެންފައެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ފިޔަވައި އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ދުވަހުއެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓެވީ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކަމުން، ދެން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދާނީ ރައީށް ނަޝީދު ރިޔާސަތާއި ހަވާލުވެވަޑައިގަތުމުންނެވެ.