ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެންފި

xymg8tfgcpilkx5z3dglid37fhy0fuh3ksex4p85-876x566

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއިން މިއަދު ވަކިވެވަޑައިގެންފިއެވެ.

ޕާޓީއަށް މިއަދު ފޮނުއްވެވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދަންނަވާކަމަށެވެ.

ނަޝީދުގެ އަތްޕުޅުން ލިޔުއްވައި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުއްވި ސިޓީ ރައީސް ނަޝީދު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފައެވެ.

ރައީސް ނަޝީދު މިއަދު ޕާޓީއިން އިސްތިއުފާދީފައިވާއިރު، އެމްޑީޕީ އެތެރޭގެ އިންތިހާބުން ބަލިވުމަށްފަހު ރައީސް ނަޝީދަށް ޕާޓީގެ ތެރެއިން ތާއީދު ގެއްލިފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުންވެސް އެމަނިކުފާނު ވަކިކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީގަ ހުންނަނީ އެމްޑީޕީ އަލުން އަނބުރާ އަތުލަން ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމަށެވެ. ޕްރައިމަރީ އިން ބަލިވުމަށްފަހު ރައީސް ނަޝީދު ގެންދެވީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީ ތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއްވެސް އަދާކުރެއްވި ރައީސް ނަޝީދު އެ ޕާޓީއިން އިސްތިއުފާދެއްވީ ޕާޓީގައި އުޅުއްވާތާ 18 އަހަރަށް ފަހުއެވެ. ބެލެވޭ ގޮތުން ދެން ރައީސް ނަޝީދު ގުޅިވަޑައިގަންނަވާނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްވެތިބެ އުފައްދާ 'ދަ ޑިމޮކްރަޓްސް' ޕާޓީއާއެވެ. އެ ޕާޓީއިން މިހާރު މަސައްކަތް ކުރަމުން ދަނީ އިދިކޮޅު ޕީޕީއެމްއާ ގުޅިގެން އަންނަން އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

'ދަ ޑިމޮކްރަޓްސް' އިން ރިޔާސީ އިންތިހާބަށް ކުރިމަތިލާނެކަން އިއުލާން ކުރައްވާފައިވާއިރު، އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާނީ ރައީސް ނަޝީދު ކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *