ނަޝީދާއި އަހްމަދު ރަޝީދު ޑިމޮކްރަޓްސްއާ ގުޅޭނެ އިޝާރާތެއް – ދުވަސް ޔަގީނެއް ނޫން!

big_isDAGkRwkAJ7vQA91sGZndSYk

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު)، ދަ ޑިމޮކްރަޓްސް އާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ދެއްވައިފިއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ހަސަން ލަތީފް ވިދާޅުވީ، އެ ދެ ބޭފުޅުންނާއި ގުޅޭގޮތުން ސީދާ ޖަވާބެއް ދެއްވަން ދަތި ކަމަށެވެ. އެހެންނަމަވެސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތުމަށް ލިޔުއްވި ސިޓީ ލިޔުއްވި ގަލަންކޮޅުވެސް ދެއްވީ ހަސަން ލަތީފަށް ކަމަށް ވިދާޅުވެ، ނަޝީދު ޕާޓީއާ ގުޅޭނެ ކަމުގެ އިޝާރާތެއް ހަސަން ލަތީފް ވަނީ ދެއްވާފައެވެ.

މީގެ ކުރިންވެސް ހަސަން ލަތީފް ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުން ދަ ޑިމޮކްރަޓްސް އާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ. މިއަދު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދާއި ޗެކްމާކް ރަޝީދަކީ ދަ ޑިމޮކްރަޓްސް އުފައްދަން މަސައްކަތް ކުރައްވާ ބޭފުޅުންނާއި ވަރަށް ގާތް ބޭފުޅުން ކަމަށާއި، ޕާޓީއަށް 'ވެލްކަމް' ކުރަން ޖެހޭވަރަށްވުރެ މާ ގާތް ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން އަބަދުވެސް މަސައްކަތް ކުރަައްވަނީ ވަރަށް ގާތުން ކަމަށާއި، އެހެންނަމަވެސް އެ ބޭފުޅުން ގުޅިވަޑައިގަންނަވާނެ ސީދާ ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.

މިރޭ ދަ ޑިމޮކްރަޓްސް އިން ބާއްވަވާ ހަރުގެ ޖަލްސާގައި އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެތޯ ނޫސްވެރިއަކު އެއްސެވި ސުވާލަށް ޖަވާބުދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، މިރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއްވެސް އަދާކުރެއްވި ރައީސް ނަޝީދު އެ ޕާޓީއިން އިސްތިއުފާދެއްވީ ޕާޓީގައި އުޅުއްވާތާ 18 އަހަރަށް ފަހުއެވެ. އެމްޑީޕީ އެތެރޭގެ އިންތިހާބުން ބަލިވުމަށްފަހު ރައީސް ނަޝީދަށް ޕާޓީގެ ތެރެއިން ތާއީދު ގެއްލިފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުންވެސް އެމަނިކުފާނު ވަކިކުރުމަށް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *