އަންދާޒާއަށްވުރެ %4.98 އާމްދަނީ އިތުރުވެއްޖެ

ޓެކްސްޕެޔަރސް ސަރވިސް ސެންޓަރ - ފޮޓޯ: މީރާ

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ، އަންދާޒާކުރި ޖުމްލަ އާމްދަނީއަށްވުރެ %4.98 އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ނެރޭ މާލީ ތަފާސް ހިސާބުގައި އެ މިނިސްޓްރީން ބުނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 25.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިގޮތުން މިއީ އަހަރުގެ މިހާތަނަށް ދައުލަތުން އަންދާޒާކޮށްފައިވާ 24،2 ބިލިއަނާއި އަޅާބަލާއިރު، %4.98 އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓޭކްސްއިން ލިބޭ އާމްދަނީއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައިި 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިއަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 15.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %18.4 އިތުރު އަދަދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *