އީވާގެ މަލާމާތަށް ފައްޔާޒްގެ ރައްދު: އެމްޑީޕީއަކީ އެންމެނަށް ހުޅުވާލެވިފައި އޮތް ޕާޓީއެއް!

321638849-1040537187337965-1492840819876363525-n-1024x682

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއިން ވަކިވުމާއި ގުޅިގެން އެ ޕާޓީއާއި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ގުޅުވައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވާން ނިންމާފައިވާކަން އެމަނިކުފާނު ވަނީ އިއްޔެ ފައްޔާޒް އިސްމާއިލަށް ފޮނުއްވެވި ސިޓީއެއްގައި ހާމަ ކުރައްވާފައެވެ. ރައީސް ނަޝީދު ޕާޓީއިން ވަކިވާން ނިންމާފައިވަނީ، އެމަނިކުފާނާއި ދެކޮޅަށް އެމްޑީޕީ ޕީޖީ ގްރޫޕުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން މަޖިލިސް ހުއްޓުވާފައި ބޭއްވުމަށް ފަހުއެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުން ހުއްޓުވާފައި އޮތުމަށްފަހު، ދައުރު ނިންމާލުމުގެ ގޮތުން މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އީވާ ވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އަދި، "މިއީ އެމްޑީޕީގެ ނިމުން" ގޮތުގައި ސިފަ ކުރައްވައި، އަހަރެއް ތެރޭ އެމްޑީޕީ ނެތިގެން ދާނެ ކަމަށް ވިދާޅުވެ އީވާ ވަނީ މަލާމާތް ކުރައްވާފައެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ހެން،" މާލާމަތުގެ ރާގަކަށް އީވާ ވިދާޅުވިއެވެ. އީވާ ސިފަ ކުރެއްވީ އެމްޑީޕީގެ ނިމުން އަންނާނީ ޑީއާރްޕީގެ ނިމުންވެސް އައިގޮތަށް ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެ ޕާޓީއަކީ އެންމެނަށްވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީ ވަކި އާއިލާއެއްގެ ވަކިތަކުގެ ތެރޭގައި އޮންނަ އޮތުމަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، ޕާޓީގެ ތެރެއިން ކޮންމެ ރަށެއްގެ ކޮންމެ އާއިލާއެއްގެ މީހަކަށްވެސް ކުރިއެރުން ލިބޭނެ ކަމަށެވެ. އެއާއެކު، ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފައްޔާޒް ވަނީ ދައުވަތު ދެއްވައިފަ އެވެ.

ރައީސް ނަޝީދު އެމްޑީޕީއިން އިއްޔެ ވަކިވެވަޑައިގެންނެވި އިރު، އީވާ ހިމެނޭހެން ނަޝީދަށް ތާއީދު ކުރައްވާ އިތުރު 13 މެންބަރަކު ވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ. އެ ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ 'ދަ ޑިމޮކްރަޓްސް' ނަމުގައި އާ ޕާޓީއެއް އުފެއްދުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *