ނަޝީދު އިސްތިއުފާ ދީފައިވިޔަސް މަޖިލިސް ކުރިއަށް ގެންދަން ޖެހޭ: ސަރުކާރު

large-16638399546ldgv-1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވާފައި ވިޔަސް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު، މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށް ނަޝީދުވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. އަދި، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަން ނަޝީދު ހަވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ.

އެހެންނަމަވެސް، ރައީސް އާއި ނައިބު ރައީސް ފިޔަވައި އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާތީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ވިދިވިދިގެން ދެ ދުވަހު މަޖިލީހުގެ ޖަލްސާއެއް ނުބާއްވައެވެ. އޭގެ ފަހުން، މިއަދު ރައީސް ނަޝީދު ރިޔާސަތާއި ހަވާލުވެ ޖަލްސާ ބާއްވާފައިވަނީ މަޖިލިސް ޗުއްޓީއަށް ގެންދިޔުމުގެ ކުރިން ޖަލްސާއެއް ބާއްވަން މަޖުބޫރުވާތީއެވެ.

ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، މަޖިލީހުގައި މަރުތަޅު އެޅުވިފައިވަނީ ރައީސް އާއި ނައިބު ރައީސްގެ މައްސަަލަ އެއް ފަހަރާ ހުށަހެޅުމުން ކަމަށް ގަބޫލުކުރައްވާނަމަ، ރައީސް ނަޝީދަށް މަގާމުން އިސްތިއުފާދެއްވިދާނެކަމަށެވެ.

"މަޖިލިސް ހުއްޓިފައި އޮތީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސޮއިކުރެއްވުމުން ކަމަށް ގަބޫލު ކުރައްވާކަމަށް ވާނަމަ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު އިސްތިއުފާދެއްވާފައި ނަމަވެސް ގާނޫނު ހަދާ މަޖިލިސް ކުރިއަށްދާން ޖެހޭނެ" މިއުވާން ވިދާޅުވިއެވެ. މީގެއިތުރުންވެސް، މިއުވާން ވިދާޅުވީ ނަޝީދު ބޭނުންފުޅުވުމުން ޖަލްސާތައް ކުރިއަށް ގެންދެވޭ ކަމަށާއި އެކަމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުރަސް ނާޅާ ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ޖަލްސާ މިއަދު ވެސް އެ ބޭއްވުނީނޫންތޯ، އެއްވެސް އިދާރާއަކުން އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރޭނޫންތޯ، ހަމަ ރައީސް ނަޝީދު ބޭނުންފުޅުވީމަ ހަމަ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ، މީގެ ކުރީގެ ދެ ޖަލްސާ ވެސް އެމަނިކުފާނު ބޭނުންފުޅުނަމަ ކުރިއަށް ގެންދެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ނޫންތޯ އެނގިގެން އެ ދިޔައީ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ، އެޖެންޑާ އެހެން ގޮތަކަށް ބަދަލުކޮށްގެން ޖަލްސާތައް ބޭއްވުމުގެ ބާރުވެސް ރައީސް ނަޝީދުގެ އަތްޕުޅުގައި އެބައޮތް ކަމަށާއި، އެކަން މިއަދުވެސް ސާފުވެގެން ހިނގައްޖެ ކަމަށެވެ. ޑިމޮކްރަޓިކް ނިޒާމެއްގައި މަޖިލިސް ހުއްޓިފައި އޮތުމަކީ ގޯހެއްކަމަށާއި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ވެސް އޮތީ މަޖިލިސް ހުއްޓިފައި އޮންނާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި، ދައުލަތުގެ އެއް ބާރުގެ ގޮތުގައި މަޖިލިސް ހިނގަން ޖެހޭނެ ކަމަށާއި ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސް އެކަން ކަށަވަރު ކުރައްވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ ދުވަހަށް ފަހު މިއަދު ބޭއްވި ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ. އެހެންނަމަވެސް، އެކަމަށް ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް އެޖެންޑާކޮށް، މަޖިލިސް ޗުއްޓީއަށް ދިޔަކަން ނަޝީދު ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.

މަޖިލީހުގެ ދެވަނަ ދައުރު މިއަދަށް ނިމުމާއެކު، ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހެވެ. އެހެންނަމަވެސް، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *