އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާއެކު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ 10 ދުވަހުން، 14 ދުވަހަށް އިތުރުވެފައެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށާއި، ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
މިގޮތުން ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހު ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.