ބިންވެރިޔާ ސްކީމްގެ ދަށުން 6،200 ގޯތި ދޫކުރާނަން: ރައީސް

305899_0e867f15-4_

ބިންވެރިޔާ ސްކީމްގެ ދަށުން މި ބުރު 6،200 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާލުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން މަދުވެގެން 2،000 ގޯތި، ހުޅުމާލެއިން މަދުވެގެން 2،200 ގޯތި އަދި ގިރާވަރު ފަޅުން 2،000 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެެވެ.

ރައީސް ސޯލިހު ވިދާޅުވީ، ގުޅީ ފަޅުގެ މަޝްރޫއަކީ މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫއެއް ކަމަށާއި، މި މަޝްރޫއު މާލެ ސަރަހައްދުގައި ހިންގާ ނަމަވެސް މިއީ ތިލަދުންމަތި، އުލިގަމު އައްޑޫ ގަމާ ހަމަޔަށް ފެތުރިގެންދާނެ ބިޔަ މަޝްރޫއެއް ކަމަށެވެ.

މާލެ ސަރަހައްދުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް މި މަޝްރޫއިން އަންނާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މަޝްރޫއާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ މާލެ ސަރަހައްދުގެ ބޯހިޔާވެހިކަމަށް ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ. މިގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ އެއްބައި ހުޅުމާލޭގެ ފޭސް 2 އިން ހަމަޖެހިފައިވާ ކަމަށާއި، އަދި އެ ސްކީމް ދަށުން ބޭނުންވާ އިތުރު ބިން ގިރާފަވަރު ފަޅުގައި ދަނީ އިތުރުވަމުން ކަމަށެވެ.

"ގުޅީފަޅު ބިމުގެ ދެވަނަ ފިޔަވަހި ހިއްކަނީވެސް ބިންވެރިޔާ ސްކީމްގެ ދަށުން ބޭނުންވާ އިތުރު ބިން ހޯދުމަށް. އެތައް އަހަރަކުން ފެށިގެން މާލެގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ އެއިން ކޮންމެ މީހެއްގެެ ހަތަރު ފަރާތުން އުސް އިމާރާތްތައް ނަގައި އެމީހުންގެ ނޭވާ ހާސްކޮށްލާފައިވާ މާހައުލެއްގައި. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ އިތުރު ހާސްކަމެއް. ކުރިމަތިވީ ނަފްސާނީ އެތައް ބަލިތަކާއި އިޖުތިމާއީ އެތައް މައްސަލައެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން އަންނަނީ މާލޭގެ ރައްޔިތުންގެ އެ ހާސްކަން ކަނޑުވާލަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން މިއީ މާލެއިން ބަންޑާރަ ގޯތި ދިނުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށައި، އަދި މިއީ މުޅި ރާއްޖޭގައިވެސް ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއުކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23088 މީހުން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 19858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވެފައެވެ. އަދި ޝަރުތު ހަމަވި މީހުންނަށް އަންނަ އޯގަސްޓް މަހު ގޯތި ހަވާލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *