ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން ދަނީ މަޖިލިސް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވަން ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، މަޖިލިސް ކުރިޔަށް ގެންދިޔުމަށް ރައީސް ނަޝީދު ބޭނުން ނުވަނީ މަޖިލިސް ރައީސް ކަމުގެ މަގާމުގައި ގަދަ ބާރުން ހުންނެވުމަށް ކަމަށާއި، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ އިތުރުން ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުއްޓުވާފައިވަނީ އެކަމާ ގުޅިގެން ކަމަށެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއަށް ދައުވަތު ދިނީ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ބައެއް މެންބަރުން ޗުއްޓީގައި ތިއްބައި ކުއްލިއަކަށް ޖަލްސާ ބާއްވަން ނިންމެވީ މަޖިލިސް ނުހިނގާނެ ގޮތަކަށް އަމަލު ކުރަން ރައީސް ނަޝީދު ބޭނުންފުޅުވާތީ ކަމަށެވެ.
"އެ މަނިކުފާނަށް އަދިވެސް އިލްތިމާސް ކުރަން ބޭނުންވަނީ، މަޖިލިސް ގަވައިދު ހިންގަވައިދެއްވާށޭ، އެ ކަމަށް އުޒުވެރިވެވަޑައިގަންނަވާ ކަމުގައިވާ ނަމަ، އިސްތިއުފާ ދެއްވާށޭ. އަޅުގަނޑުމެންނަށް މިހާރު މި ފާހަގަކުރެވެނީ މަގާމުގައި ދެމި ހުންނަވަން ބޭނުންފުޅު ވެގެން އަސްލުގަ މިކަން ކުރިއަށް ނުގެންދަވާކަން" ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށް އެދިގެން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅައިގެން މިއަދު ބޭއްވި ޖަލްސާ ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އިސްލާހު ކުރަން ޖެހޭތީ ކަމަށް ބުނެ ނިންމާލާފައެވެ. ނަމަވެސް އަސްލަމް ވިދާޅުވީ މިއަދުވެސް މަޖިލިސް ނިންމާލާފައި ވަނީ ގަވައިދުގައިވާ ގޮތަށް ނޫން ކަމަށާއި، ރިޔާސަތުން އަމަލުކުރަނީ ގަވައިދާ ހިލާފަށް ކަމަށެވެ.