ޔާމީންވެސް އިންތިހާބުގައި ވާދަނުކޮށް ގުޅިގެން މަސައްކަތް ކުރުމަށް ނަޝީދުގެ ދައުވަތެއް!

IMG_0617

ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް އަދު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދުވެސް އިންތިހާބުގައި ވާދަނުކޮށް ގުޅިގެން ރިޔާސީ އިންތިހާބަށް ނިކުތުމަށް ރައީސް ނަޝީދު ދައުވަތުދެއްވައިފިއެވެ.

ރައީސް ނަޝީދުގެ ފަރާތުން މި ދައުވަތު ދެއްވީ މިރޭ 'ދަ ޑިމޮކްރަޓްސް' އުފެއްދުމަށް ބޭއްވި ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ، ރައީސް ނަޝީދުވަނީ ރައީސް ސޯލިހާއި ބަލިކުރުމަށް ގުޅިގެން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން އެމަނިކުފާނު އިސްތިއުފާދެއްވީ ޕާޓީގެ އަސާސްތައް ޕާޓީއިން ދޫކޮށްލާފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެންނެވީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީ އިން ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު، ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތް ކުރުމަށްފަހުއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ވައްކަން ނުކުރާ ސަރުކާރެއް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިގެން މަސައްކަތްކުރުމުގެ ދައުވަތު ދެއްވުމަށްފަހު، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއްް ނޫންކަމަށެވެ.

އެހެންނަމަވެސް، ރައީސް ނަޝީދަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ވައްކަމާއި ކޮރަޕްޝަނަށް އެންމެ ބޮޑަށް އޭރު ފާޑުވިދާޅުވި އެއް ބޭފުޅާއެވެ. ރައީސް ޔާމީން މިވަގުތު ގެންދަވަނީ ހިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒި ކުރައްވަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް އިތުރު ހިޔާނާތުގެ ދައުވާތައްވެސް ކުރިއަށްދާއިރު، އިންތިހާބުގައި ވާދަކުރެވޭނޭ ކަމަކަށް ނުބެލެވެއެވެ.

ރައީސް ޔާމީނާއި ރައީސް ނަޝީދުވެސް އިންތިހާބުގައި ވާދަނުކުރުމުގެ ދައުވަތު މީގެ ކުރިންވެސް ނުސީދާކޮށްވަނީ ދީފައެވެ. އެގޮތުން، ރައީސް ނަޝީދު ހިންގަވާ "އޯޝަން ވީކްލީ"ގައި، 'ޔާމީނެއްވެސް ނޫން، ނަޝީދެއްވެސް ނޫން' މި ނަމުގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެން، އޭރު ޕީޕީއެމްގެ ގްރާސްރޫޓުންނާއި އިސް ބޭފުޅުންވަނީ އެކަން ކުށްވެރިކޮށްފައެވެ.

މިރޭގެ ޖަލްސާގައި ދަ ޑިމޮކްރަޓްސްއިންވަނީ އެ ޕާޓީގެ ނަމާއި ކުލަ، އަދި ލޯގޯވެސް ފާސްކޮށްފައެވެ. ޕާޓީގެ އިސް މަގާމްތަކަށް ބޭފުޅުން އައްޔަންކޮށްފައި އަދި ނުވާއިރު، ރައީސް ނަޝީދު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެކަން މިރޭ ވަނީ އިއުލާންކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *