ނަޝީދާއި ދަ ޑިމޮކްރެޓްސް – ސިޔާސީ ފޫޓްނޯޓަކަށް؟

IMG_0632

އެއީ ޒަމާނީ ޑިމޮކްރަސީ ދިވެހިރާއްޖެއަށް ތައާރަފްވީފަހުން އުފެދުނު އެންމެ ވަރުގަދަ އެއް ސިޔާސީ ޝަހްސިއްޔަތެވެ. ދިގު 30 އަހަރުގެ ވެރިކަމެއް ނިންމައި، ދިވެހިރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ގިނަ ޕާޓީ ހިމެނޭ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަރާތެވެ. އެއް އިރެއްގެ 'ދިވެހި މަންޑޭލާ’އެވެ. އޭގެފަހުން، ގިނިކަންޏާ އިންތިހާބަކަށް ނިކުމެވަޑައިގެން، އެކަކަށް އޭގެ ކުރިން ދިވެހިރާއްޖެއިން ލިބިފައިނުވާހާ ގިނަ ވޯޓުވެސް ހޯއްދެވިއެވެ. ސިޔާސީ އެކި ސްލޯގަންތައް މަޝްހޫރުކޮށް، ސިޔާސީ ބަސްމަގެއް އާންމުކުރިއެވެ. ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ މައިދާނަށް ފަރިތަ، އެ މައިދާނުގެ ހެވިކަމާއި އުކުޅުތައް ދަންނަ ފަރާތެކެވެ. އެހެންނަމަވެސް، އަރާ ކޮންމެ ތަރިއެއްވެސް އޮއްސޭނެއެވެ. ދުނިޔޭގެ އެ ބަދަލުނުވާ ތަބީއަތާއި އެއްގޮތަށް، ރައީސް ނަޝީދުގެ ތަރިވެސް އޮއްސި ސިޔާސީ ފޫޓްނޯޓަކަށްވާ މަންޒަރު މިހާރު ފެންނަ ފަދައެވެ.

ސިޔާސީ މީހުންދެކެ އާންމުން ފޫހިވަނީ ހުދުމުހުތާރުކަން ދައްކަން ފެށީމައެވެ. ދިވެހީންނަށް އެކަން ދަސްކޮށްދިނީ ރައީސް ނަޝީދެވެ. ހުދުމުހުތާރު ވެރިންނަކީ ގަދަ ބާރުން، ތިމާގެ ކައިރީގައި ތިބޭ އެންމެނަކީ އަބަދު ތިމާ ރުހޭގޮތަށް ބަސްބުނާ ބަޔަކަށް ހަދައިގެން، ގޮށްމުށުގެ ބާރުން ތިމާގެ ތާއީދާއި މަދަދު ދަމަހައްޓާ މީހުންނެވެ. އެމްޑީޕީއިން ދާދިފަހުން އިސްތިއުފާ ދިނުމާއި ހަމައަށް، ޕާޓީގެ ތެރޭގައި އޮތީ ރައީސް ނަޝީދުގެ ހުދުމުހުތާރު ވެރިކަމެކެވެ. އަލްހާން ފަހުމީ، ރީކޯ މޫސާ މަނިކު، އިބްރާހިމް އިސްމާއިލް (އިބުރާ)، ޑރ.ޑީޑީ، އަދި ޑރ.މުނައްވަރު ފަދަ ގިނަ ބަޔަކު ޕާޓީއާ ފެޔަށްޖެހުނީވެސް އެހެންވެއެވެ. ބައެއް ބޭފުޅުން އެ ވާހަކަތައް ފާޅުގައި މީޑިޔާތަކާއިވެސް ހިއްސާކުރިއެވެ، އަލްހާން ފަހުމީ 'ނިއު އެމްޑީޕީ' ނަމުގައި މުޒާހަރާތައްވެސް ކުރިއެވެ. އެހެންނަމަވެސް، ޕާޓީގެ ތެރެއިން އެހެން މީހަކަށް ކުރިއަށް ދިޔުމުގެ ޖާގަ ގަދަ ބާރުން އޮތީ ހިފަހައްޓާފައެވެ.

އެ ބާރު އަތުން ދޫވީ 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫވި ހިސާބުންނެވެ. ޕާޓީގެ ތެރޭގައި، ރައީސް ނަޝީދަށްވުރެ އެހެން ބޭފުޅުންނާއި ގުޅިގެން މަސައްކަތްކުރެވޭނޭ ލީޑަރުން ތިބިކަން ހާމަވާން ފެށި ހިސާބުންނެވެ. އެއާއެކު، ޕާޓީގެ ކޮންޓްރޯލު ހޯއްދަވަން ފެއްޓެވި ފިނި ހަނގުރާމައާއެކު، ރައީސް ނަޝީދުގެ ހުދުމުހުތާރުކަން އާންމުންނަށްވެސް ތިލަވާން ފެށީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ބޭނުންގޮތަކަށް މަޖިލިސް ހިންގަވަމުން ގެންދެވީ ރައްޔިތުންނަށް އެ މަންޒަރުތައް ނުފެންނާނޭ ހިތާއެވެ. އެމްޑީޕީ ބައެއް މަޖިލިސް މެންބަރުންނަށް ފުރައްސާރަކޮށް، ޕާޓީ ބައިބައި ކުރުވަމުން ގެންދިޔައީ ގަސްތުގައެވެ. މަޖިލީހުގެ ތެރެއިން އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާއި ގުޅިގެން، އަމިއްލަ ޕާޓީގެ ވެރިކަމަށް ފާޑުވިދާޅުވެ، ވެރިކަން ބަލިކަށިކުރުވުމަށް ދިޔައީ ކެނޑިނޭޅި މަސައްްކަތްކުރަމުންނެވެ.

ދިވެހިންނަކީ މިހާރު ތަންދޮރުފިލާފައި ތިބިބައެކެވެ. ސިޔާސީ މީހުން ކުޅޭ ކުޅިވަރުތައް އެމީހުން ދަނެއެވެ. ރައީސް ނަޝީދު ކުޅުއްވާ ކުޅިވަރު އަދި ވަކިން މާ ބޮޑަށްވެސް ދަނެއެވެ. މާ ގިނައިން އެއް ކުޅިވަރެއް ކުޅޭތީ ފަރިތަވީއެވެ. ރައީސް ނަޝީދުގެ ކުޅިވަރުތައް ދަންނަކަމާއި، އެ ކިޔުއްވާހާ ފަރިއްސަކަށް ނުނަށާނޭ ކަން ވޯޓުން ދެއްކިއެވެ. އެމްޑީޕީ އެތެރޭގެ ޕްރައިމަރީއިން ބޮޑު ތަފާތަކުން ރައީސް ނަޝީދަށް ނޫނެކޭ ބުންޏެވެ. އެއާއެކު، ޕާޓީގެ ގްރާސްރޫޓުގެ ތާއީދުވެސް ގެއްލިފައިވާކަން އެނގުނީމާ ދެން ފެއްޓެވީ ޕާޓީ އަނެއްކާވެސް ބައިބައި ކުރުމުގެ މަސައްކަތެވެ. ވަކި ފެކްޝަނެއް ހަދައިގެން ޕާޓީ ތެރޭގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މަޖިލީހުން އެމްޑީޕީއަށް މަސައްކަތްކުރެވޭނޭ ގޮތް އެއްކޮށް ހުއްޓުވިއެވެ. ޕާޓީގެ މެންބަރުން އެންމެފަހުން 'މުގާބޭ' އަށް ގޮވާ ހިސާބަށް ކަންކަން ގެންދިޔައެވެ.

ޕާޓީ ބައިބައި ކުރުމުގެ މަސައްކަތް ނިންމަވާލެއްވުމަށްފަހު، ޕާޓީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވީ އައު ޕާޓީ ރަޖިސްޓްރީ ކުރެވެން ކައިރިވީމައެވެ. އެހެންނަމަވެސް، އެއްއިރެއްގެ ސިޔާސީ އެ ބޮޑު ޝަހްސިއްޔަތުގެ ތާއީދާއި މަދަދު އޮތް ޕާޓީއަށް މިފަހަރު ސޮއި ކުރީ އެންމެ 3،500 އެއްހާ މީހުންނެވެ.

ޕާޓީ އުފެއްދުމަށް ބޭއްވި ގައުމީ ޖަލްސާގައި، އައު ޕާޓީ 'ދަ ޑިމޮކްރެޓްސް’އަށް ސޮއި ކުރައްވާނޭ ކަމަށް އިއުލާން ކުރެއްވުމަށްފަހު، ދެން އާދޭސް ދެންނެވީ ރައީސް ޔާމީންގެ އަރިހުންނެވެ. އިންތިހާބަށް ދެ ބޭފުޅުންވެސް ކުރިމަތިނުލައްވައި ގުޅިގެން މަސައްކަތް ކުރުމަށެވެ. ރައީސް ސޯލިހަށް އޮތް ބޮޑު ތާއީދާއި، ރައީސް ނަޝީދަށް އޮތް ކުޑަ ތާއީދު ފެނި އަމިއްލަ ނަފްސަށް އިތުބާރުވެސް ނުކުރެވެނީއެވެ.

ފަހަރުގައި، އެ ޖަލްސާގައި ފާސްކުރެވުނު 'ދަ ޑިމޮކްރެޓްސް’ގެ ލޯގޯއަކީ، މިވަގުތު އެ ބޭފުޅުންގެ ހާލުގެ ވަރަށް ފުރިހަމަ ރަމްޒަކަށް ވެދާނެއެވެ. 'އެސްޓަރިކްސް' އެ ރަމްޒުކޮށްދެނީ ސިޔާސީ މައިދާނުގައި އެ ބޭފުޅުން އޮތް މަގާމެވެ. މިހާރު އެއީ ފޫޓްނޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *