ރިޔާސީ އިންތިހާބަށް ނިކުންނާނީ 90،000 މެމްބަރުންގެ ކޯލިޝަނަކާއެކު: ރައީސް

2023-07-09 13.44.16

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިކުންނާނީ 90،000 މެމްބަރުން ހިމެނޭ ކޯލިޝަނަކާއެކު ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ށ.މަރޮށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ނިކުންނަ އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކީ އިންތިހާބުގައި ވާދަކުރާ އެންމެ ބޮޑު ކޯލިޝަން ކަމަށާއި، މިހާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް އެއްކޮށްލުމުން 77،700 މެމްބަރުން ހަމަވާ ކަމަށެވެ.

އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ހިމެނޭ ކޯލިޝަނުން އަންނަ ރިޔާސީ އިންތިހާބަށް ނިކުންނާނީ 90،000 މެމްބަރުންނާއެކުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މެމްބަރުން ޕާޓީތަކަށް އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

"އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ހިމެނޭ ކޯލިޝަންގައި މިވަގުތު 77،700 މެމްބަރުން އެބަތިބި. ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ނިކުންނާނީ 90،000 މެމްބަރުންނާއެކު" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ހިމެނޭ ކޯލިޝަނުން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެކުގައި ކުރިޔަށް ދެވިއްޖެނަމަ މިއީ ނިމިފައި އޮތް ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *