ރައީސްގެ ވައުދު ނޫމަރާއަށް: ފުލުހުންގެ ހިދުމަތް ގާއިމުކޮށް، އޮޑި އެހެލާނެ ތަނަކާއި، މިސްކިތެއް

F0lyHNIaEAEx07w

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން ރަށަށް ކުރުމަށް ރޭވިފައިވާ ގިނަ ކަންތައްތަކެއް ހިއްސާކުރައްވައިފިއެވެ.

ނޫމަރާގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، ރައީސް ވަނީ އެ ރަށަށް އެހެން ސަރުކާރުތަކުން އަޅާނުލާ އޮތް މިންވަރު ފާހަގަކުރައްވާފައެވެ. އެގޮތުން، މާލެ އުތުރުން އެންމެ އަޅާނުލާ ބާކީ ކޮށްފައި އޮތް ރަށަކީ ނޫމަރާކަމަށާއި، މި ވެރިކަން އައުމާއި ހަމައަށް، އެ ރަށަށް ކިރިޔާވެސް ކަމެއް ކޮށްދީފައި އޮތީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ކަމަށެވެ.

އެގޮތުން، ރަށުގެ އަރާ ފޭބުމުގެ މައްސަލަ އޭރު ހައްލުކޮށްދިން ނަމަވެސް، ބަނދަރުގެ ހާލަތު ދަށްވެ، ރަށުގެ ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބަނދަރުގެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ، އެއާއެކު ލަފާ ފުރުމަށް ފަސޭހަ ބަނދަރަކަށް ނޫމަރާގެ ބަނދަރު ވާނެކަމަށެވެ.

މީގެ އިތުރުންވެސް ރަށުގެ އިންޖީނުގެއާއި އޮފީސް އިމާރާތް ހެދުމަށް ކޮންޓްރެކްޓް ކުރެވިފައިވާ މަސައްކަތް ހުއްޓިފައި އޮތް ސަބަބު ބަލައި، މަސް ދުވަހުގެ ތެރޭގައި އަލުން އެ މަސައްކަތް ފެށޭނެކަމަށެވެ. ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

އިތުރަށް ރައީސް ވިދާޅުވީ، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ އޮޑި އެހެލާނެ ތަނެއް ކަމަށެވެ. އެގޮތުން، މަސްވެރިންނަށް ބޭނުންވާ ކަނދުފައްޗަކާއި، އޮޑި އެހެލާނެ ތަނެއް ދެން އަންނަ ދައުރުގައި ގާއިމްކޮށްދިނުމަށް މިހާރުވެސް ނިންމާފައިވާ ކަމަށެވެ. އަދި، ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތަކާއި، ފުލުހުންގެ ހިދުމަތް އެ ރަށުގައި ގާއިމްކޮށްދިނުމަށްވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ބޮޑު ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތާއި ވޮލީ ކޯޓެއްގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ށ. އަތޮޅަށް ރައީސް ކުރައްވަމުން ގެންގާ ކެމްޕޭން ދަތުރުގައި ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ. ނޫމަރާއަކީ އޭގެ ތެރެއިން ތިންވަނަ ރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *