ށ.ފޯކައިދޫގެ މަގުތަކުގައި ތާރު އަޅައި، ރޯހައުސް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ފޯކައިދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ފޯކައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރޯހައުސް އަޅައިދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
ފޯކައިދޫގައި މި ސަރުކާރުންވެފައިވާ ހުރިހާ ވައުދެއް ފުއްދިފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ފޯކައިދޫއަށް ދެން ބޭނުންވާ ތަރައްގީވެސް ގެނެސްދޭނީ މި ސަރުކާރުން ކަމަށާއި، ފޯކައިދޫ ރައްޔިތުން ރަށަށް އައިސްފައިވާ ތަރައްގީ ބަލައިގަނެފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވަނީ މިއަދު ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑުވެސް ހުޅުއްވައިދެއްވައިފައެވެ.