އެމްޑީޕީއިން ބޭނުންވިގޮތަށް ކޮމިޓީތައް އެކުލަވާލަން ފާސްވެއްޖެ!

Majlis

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއިން ބޭނުންވި ގޮތަށް އެކުލަވާލަން ފާސްވެއްޖެއެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ 13 މެންބަރަކު ޕާޓީއިން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް އޮތީ ބަދަލުތަކެއް އައިސްފައެވެ. އޭގެފަހުން، ކޮމިޓީތައް އެކުލަވާލާނެ ގޮތަކާއިމެދު، ޕާޓީ ތަކުގެ މެދުގައި އެއްބަސްނުވެވި، މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ.

މަޖިލިސް ހުއްޓިފައިއޮންނަތާ ގާތްގަނޑަކަށް ދެ މަސް ވެފައިވާއިރު، މަޖިލިސް ޗުއްޓީއަށް ދާނެކަން މަޖިލީހުގެ ރައީސް، ނަޝީދު އިއުލާންކުރެއްވީވެސް އެ މަސައްކަތް ނުނިންމައެވެ. އެއާއެކު، މަޖިލީހުގެ މެޖޯރިޓީއޮތް އެމްޑީޕީއިން އެ މަސައްކަތް ނިންމުމަށް ދައުރުން ބޭރުން ޖަލްސާތައް ބާއްވަން ހުށަހެޅިއެވެ. ކޮމިޓީތައް އެކުލަވާނުލުމުގެ ސަބަބުން ގިނަ މަސައްކަތްތައް ހުއްޓިފައިވާކަމަށް އެމްޑީޕީ މެންބަރުން އަންނަނީ ބުނަމުންނެވެ.

މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، ކޮމިޓީތައް އަލުން އެކުލަވާލުމަށް ހުށަހަޅާފައިވާ ރިޕޯޓަށް، 10 އިސްލާހެއް ހުށަހެޅިއެވެ. އެއީ، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ހުށަހެޅުންތަކަކާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުމެކެވެ. އެއިން އެއްވެސް ހުށަހެޅުމެއް ފާހެއް ނުވެއެވެ.

އެމްޑީޕީއިން ހުށަހެޅީ މަޖިލީހުގެ ކޮމިޓީތަކުގެ 64 އިންސައްތަ އެ ޕާޓީއަށް ލިބޭ ގޮތަށެވެ. މަޖިލީހުގައި މިވަގުތުވެސް އެމްޑީޕީ ތަމްސީލުކުރައްވާ 54 މެންބަރަކު ތިއްބަވައެވެ. އެމްޑީޕީއިން އިތުރަށް ހުށަހެޅީ، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް 21 އިންސައްތަ، ޕީޕީއެމްއަށް 6 އިންސައްތަ، ޕީއެންސީ އަދި އެމްއެންޕީއަށް 3 އިންސައްތަ، އަދި ޖޭޕީ އާއި އެމްޑީއޭއަށް 2 އިންސައްތަ ދިނުމަށެވެ. މި ހުށަހެޅުން ފާސްވީ 35 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅަށް ވޯޓު ދެއްވީ 14 މެންބަރެކެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މިރޭ 9:00 ގެ ކުރިން ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުންގެ ނަންތައް އެންގުމަށް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުންގެ ކިބައިން އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *