"ވަންގަވް" އާއެކު ފެށިގެންދާނީ ޑިޖިޓަލް ސަރުކާރެއް: ރައީސް

306816_14b3ffe9-3_

"ވަންގަވް" އާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. \

މިއަދު ހެނދުނު ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި "ވަންގަވް" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ޚާއްޞަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށާއި، އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ޤައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަންގަވްގެ ޚިދުމަތާއެކު ޒަމާނުއްސުރެ ޚިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭގޮތް ނުވުމާއި ޚިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަންގަވްގެ ޚިދުމަތްތަކަށް ހަފްތާގެ 7 ދުވަހު 24 ގަޑިއިރު އެދެވޭނެކަން ފާހަގަކުރައްވައި ވަންގަވްގެ ތެރޭން ލިބިގެންދާނެ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވާފައެވެ އަދި. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިގްތިސާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާޙްކޮށްފައި ވަނީ 6 އިދާރާއެއްގެ ޚިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ. ވަންގަވްގެ ޚިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމްކޮށްފައިވެއެވެ. އެ

މިގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ވަންގަވްގެ ތެރޭން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *