މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބުރައީސް ވިދާޅުވީ، މާލޭގައި ގާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށެވެ.
ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ، އަތޮޅު ތެރޭގައިވެސް އެފަދަ މަރުކަޒުތައް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަދި ވަރަށް އަވަހަށް ހުޅުމާލޭގައިވެސް އެފަދަ މަރުކަޒެއް ގާއިމްކުރެވިގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސްރަށްވެހިންނަށް ނޫންކަމަށާއި، އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި، ގައުމަށް އަދި ދިވެހިދައުލަތަށް އިހްލާސްތެރި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޤައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާއެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.
މިޖަލްސާގައި، މަޑުލު މުހައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށްވެހިންނަށް ލޯތްބާއި އެކު" ފޮތް، ނެރެދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން މިޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު، އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ ބަދުރުއްނަސީރު ލިޔުއްވާފައިވާ ފޮތް، "ޚިދުމަތުގެ ހަނދާންތައް" ނައިބްރައީސް ފައިސަލް ނަސީމަށް ވެދުމަށް އަރުވާފައެވެ. މިފޮތަކީ، (ނ.ދ.ޝ.ޢ) ބަދުރުއްނަޞީރު، އެބޭފުޅާގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.