އާރްޑީސީގެ މައްސަލަ އެބަ ބަލަން، ނުފޫޒެއް ނެތް: ފުލުހުން

988

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އަދި އެ މައްސަލައަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާރްޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ކުރަމުން ކަމަށާއި، މި މައްސަލަ ތަހުގީގު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަންގެވިކަމަށް ބުނެ ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށާއި، މި މައްސަލައިގެ ތަހުގީގަށް ނުފޫޒުފޯރުވުމުގެ ގޮތުން ނުވަތަ ތަހުގީގު ހުއްޓުވުމަށް އެއްވެސް ފަރާތަކުން ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންނަށް އަންގާފައިނުވާ ކަމަށެވެ.

"މައުލޫމާތުގެ ސައްހަކަން ބެލުމަށް މަސައްކަތް ނުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ މި ޚިދުމަތުން ކަންބޮޑުވާކަމެއް. އަދި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން މި މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މަޢުލޫމާތެއް ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ދިޔަރެސް އާ ހިއްސާކޮށްފައި ނުވާނެކަން ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *