ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ.ގުޅިއަށް ކުރައްވާ ދަތުރުގެ ތެރެއިން، އަންނަ ދައުރުގައި އެ ރަށަށް ކުރުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއް ހާމަކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ މިއަދު ގުޅިއަށެވެ. އެ ރަށަށް ވަޑައިގެން، ރައީސް ވިދާޅުވީ މާލެ ކައިރީގައި އޮތް ރަށެއް ނަމަވެސް، އާބާދީ މަދުވުމުގެ ސަބަބުން ގިނަ ސަރުކާރުތަކުން ގުޅިއަށް އަޅާލާފައި ނުވާ ކަމަށެވެ. އެގޮތުން، ރަށުގެ ފެން ތައައްޔަރުވެ، ފާހާނާ ކޮށްލެވޭނެ ގޮތަކާއި ސިއްހީ ހިދުމަތް ލިބޭނެގޮތްވެސް ރަށުގައި ހަމަޖައްސާ ދީފައި ނެތް ކަމަށެވެ.

އެހެންނަމަވެސް، ވަކި ރަށެއް ތަފާތުކުރުމެއްނެތި، އަސާސީ ހިދުމަތް ހޯދައިދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ގުޅީގައިވެސް ފެނާއި ނަރުދަމާ ގާއިމްކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ކުރެވުނީ ގައުމުގައި އަމާންކަން ގާއިމްކުރެވިގެންކަމަށާއި، އަދިވެސް ބޭނުންވަނީ އެގޮތުގައި ކުރިއަށް ދިޔުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައިވެސް ގުޅިއަށް ގިނަ ކަންތައްތަކެއް ކުރުމަށް އެ ރަށު ރައްޔިތުން ހުށަހަޅާފައިވާ ކަމަށާއި، އެކަންކަން ކުރައްވާނެ ކަމަށެވެ. އެންމެ ފަހުން ރައީސް އެ ރަށަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ދުވަސްވަރު ކަމަށާއި، އޭރު ރައްޔިތުން އެދުނީ ބިން ހިއްކުމަށް ކަމަށެވެ.
ބިން ހިއްކުން މިހާރު އެމްޓީސީސީއާއި ހަވާލުކުރެވިފައިވާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ ކަމަށެވެ. ކުނި މެނޭޖް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މިހާރު އޮތީ ޓެންޑަރ މަރުހަލާގައި ކަމަށާއި، ނިމުނު އަވަހަކަށް އެކަންވެސް ފެށޭނެ ކަމަށެވެ.
މީގެއިތުރުންވެސް، އޭޓީއެމްގެ ހިދުމަތް އެ ރަށަށް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާރު ރޭވިފައިވާ ގޮތުން އެންމެ ފުރަތަމަ އޭޓީއެމް ބެހެއްޓޭ ރަށްރަށުގެ ލިސްޓުގައި ގުޅި ހިމަނާފައިވާކަމަށެވެ. އަދި، ރަށުގެ ބަނދަރުގެ ދަތިކަން ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށާއި، އަރާ ފޭބުމަށް ދިމާވާ ދަތިތަކަށްވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ކުރިން ކ.ގުޅީގެ އެކަށީގެންވާ ސިއްހީ ހިދުމަތްވެސް ފޯރުކޮށް ނުދެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ ދައުރުގައި އެ ރަށު ސިއްހީ މަރުކަޒުން ލެބޯޓަރީގެ ހިދުމަތްވެސް ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ރައީސްވަނީ ގުޅީގެ ރައްޔިތުން މި ސަރުކާރުން ކުރާ ކަންކަން ބަލައިގެންފައިވާ ކަމަށާއި، އެކަމާއި އުފާ ކުރައްވާ ކަމަށްވެސް މިއަދު ވިދާޅުވެފައެވެ. މި ދާއިރާ މިހާރު ރީނދޫ ވެފައިވާ ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގައި އެ ދާއިރާ ނަގާނެކަމާމެދު ޝައްކެއްވެސް ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.