ކޮވިޑްގެ އާލަމީ ވަބާއަށްފަހު، ރާއްޖޭގެ އިގްތިސާދު ހެޔޮމަގަށް އެޅެމުން އަންނަކަން އެންމެ ބޮޑަށް ދައްކުވައިދޭ އެއް ތަނަކީ ކ.މާފުށި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މާފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ، މާފުށިން މިފެންނަނީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުން ބަދަލުކޮށްލާނެ ސާފު މަންޒަރު ކަމަށެވެ.
އެގޮތުން، ރައީސް ވިދާޅުވީ މާފުށިން ފެންނަނީ އުފާވެރިކަން ކަމަށާއި، އެއީ ރާއްޖޭގައި ގާއިމްކުރެވިފައިވާ އަމާންކަމާއި ހަމަޖެހުމުގެ ނަތީޖާކަމަށެވެ. މިވަގުތުވެސް މާފުށީގައި 800 ޓޫރިސްޓުން އެބަތިބިކަން ފާހަގަކޮށް ރައީސް ވަނީ މާފުށީގެ ޓޫރިޒަމަށް ތައުރީފްކޮށްފައެވެ.
ރައީސް ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި ކުރިއަށް ގެންދެވެނީ ހަމަޖެހުން ގާއިމްކުރެވިގެން ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވީ އެކަން ކަމަށެވެ. ރާއްޖޭގައި އޮތް ހަލަބޮލިކަން ނައްތާލެވުމުގެ ނަތީޖާއަކީ މިހާރު ރާއްޖޭގެ ކޮންމެ ކޮޅަކުންވެސް އެ އަމާންކަން ފެންނަމުން ދިޔުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އިތުރަށް ރައީސް ވިދާޅުވީ، ދިވެހިންނަކީ ވިސްނުންތެރި، ހޭލުންތެރި، އަދި މަސައްކަތްތެރި ބައެއް ކަމަށާއި، ބޭނުންވަނީ މަސައްކަތްކުރެވޭނޭ ޖާގަ ސަރުކާރުން ހޯދައިދިނުން ކަމަށެވެ. ސަރުކާރެއްގެ އަމާޒަކީ އެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށްވާއިރު، މި ސަރުކާރުން އެކަން ކުރަމުންގެންދާ ކަމަށެވެ. އެގޮތުން، ބޭނުންވާ އަސާސީ ހިދުމަތްތަކާއި އިންފްރާސްޓަރަކްޗަރ ވެސް ގާއިމްކޮށްދީގެން ތަފާތު ކުރުމެއްނެތި ކޮންމެ ރަށަކަށް އެ ފުރުސަތުތައް ހޯދައިދެއްވަމުން ގެންދަވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި މާފުށްޓަށް މި ސަރުކާރުން ކޮށްދިން ބައެއް ކަންތައްތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ، މިހާރު މާފުށީގެ ބިން އިތުރުކޮށް ރައްޔިތުން އެދުނުގޮތަށް ޕިކްނިކް އައިލެންޑެއްވެސް ހަދައިދީފައިވާކަމަށެވެ. އަދި، ބަނދަރުގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، ސިއްހީ މަރުކަޒުވެސް ފެންވަރު މަތި ކުރެވިފައިވާކަމަށެވެ. ސަރުކާރުގެ އަމާޒަކީ މާފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީއަށް މާފުށިން 60 އިންސައްތަ ވޯޓު ލިބުނެވެ. ރައީސް ވަނީ މިއަދު ފެނުނު މަންޒަރުންވެސް އެމްޑީޕީއާއެކު ކުރިއަށްދާން މާފުށި ތައްޔާރަށް އޮތްކަން ހާމަވާކަމަށްވެސް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މިއަދު ރައީސް ވަނީ ކ.ގުޅި، ކ.ގުރައިދޫއަށްވެސް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.