ރައީސްގެ ވައުދު ކޮޅުފުއްޓަށް: މަގު ހަދައި، 50 ހައުސިން ޔުނިޓް އަދި ކައިރީގައި ރިސޯޓެއް

2023-07-15 12.02.26

ކުރިޔަށް އޮތް ދައުރުގެ ތެރޭގައި މ.ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓް އަޅައި، މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ރަށް ކައިރީ ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ އކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މ.ކޮޅުފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކޮޅުފުށި ރައްޔިތުންނަށް ރަށުގައި ތިބެ ކައިރިން ވަޒީފާ ލިބެންޖެހޭ ކަމަށާއި، ރަށުގެ ރައްޔިތުން އެދޭ ގޮތަށް ކައިރީގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

މި ސަރުކާރުން ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރު ތެރޭގައި ކޮޅުފުއްޓަށް ކޮށްދޭ ކަންކަމުގެ ތެރޭގައި އިތުރު 50 ހައުސިން ޔުނިޓް އަޅައިދީ ރައްޔިތުން ބޭނުންވާ ވަރަށް ބޯހިޔާވެހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުން އަމާން ވެއްޓެއްގައި، ތަރައްގީގެ މުޖުތަމައުއެއްގައި އުޅެން ފުރުސަތެއް ދިނުން. އެ މަސައްކަތް ކުރަމުން މިދަނީ. އަންނަ ދައުރުގައިވެސް އަޅުގަނޑުމެންގެ އަމާޒަކީ އުފާވެރި އަމާންވެރި މުޖުތަމައުއެއް ރާއްޖޭގައި ގާއިމުކޮށް ހޯދައިދިނުން. ކޮޅުފުށި ރައްޔިތުންނާއެކު އެ އަމާޒަށް ދެވޭނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މ.ކޮޅުފުށީގައި މި ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ތެރެއިން ފެނުގެ ނިޒާމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ފުރަތަމަ ފޭސް އަދި ސްކޫލްގެ މަލްޓި ޕާޕަސް ހޯލާއި 8 ކްލާސްރޫމްގެ މަސައްކަތް ނިމިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަޝްރޫއުތައް ނިންމުން ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *