ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ސަގާފަތް ނައްތާލެވިއްޖެ: ރައީސް

F1EaE8haYAIJol9

ފުލުހުންގެ ހިދުމަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ސަގާފާތް މި ސަރުކާރުން ނައްތާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ.ނާލާފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުހާތަބު ކުރައްވަމުންނެވެ. އެގޮތުން، އެ ރަށުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަމަޖެހުމާއި އަމާންކަން ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރަާއްޖެ ތަރައްގީ ކުރުމަށް ގައުމުގައި ހަމަޖެހުން ގާއިމްވުމަކީ ކޮންމެހެންވެސް ބޭނުންކަމެއް ކަމަށެވެ.

ކުރީ ސަރުކާރުތަކުގެ ސިޔާސަތުތައް ރޭވިފައިވާ ގޮތުން، ގާނޫނު ތަންފީޒު ކުރުމުގެ ބާރު މަތިކުރެވިފައިވާ ފުލުހުންގެ ހިދުމަތަށް އިންތިހާއަށް ސިޔާސީ ނުފޫޒު އޮތް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ހަރުދަނާ ފުލުހުންގެ ހިދުމަތެއް ގާއިމް ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ. ކުރީ ސަރުކާރުތަކުން ކެބިނެޓް ސެކެޓްރީއިން ފޮނުވައިގެން ފުލުހުންގެ ހިދުމަތް ހިންގަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކުރީ ސަރުކާރުތަކުގައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުވެސް ފުލުހުންގެ ހިދުމަތަށްް ވަދެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރަކު އެމަނިކުފާނު އަރިހު ވިދާޅުވި ވާހަކައެއްވެސް ހިއްސާކުރައްވާފައެވެ. "ޕޮލިސް ކޮމިޝަނަރަކު ވިދާޅުވި، ވަރަށް ހަލަބޮލި ދުވަހެއްގައި، ތިމަންނަ އޮފީހުގައި އިންދާ ބޭރުން ޓަކި ޖަހާލައިފިއޭ. ރާއްޖޭގެ ވެރިމީހާ ފުލުސް އޮފީހަށް ވަޑައިގެން، އެންގެވި ކޮންމެވެސް ކަމެއް ނުކޮށްގެން އެކަން ކުރުވަންވެގެން" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައީސް ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ ހިދުމަތް އެ އުސޫލުން ނުހިންގަވާކަމަށާއި އެއީ ފުލުހުންނަށް ގެންނަ އެންމެ މުހިންމު އެއް ބަދަލުކަމަށެވެ. ރާއްޖެއަށް ހަމަޖެހުން އަންނަނީ އެހެންވެ ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގެ ބާރު ހިންގުމަށް އޮތް ފުލުހުންނަށް އެ ޖާގަ ދީފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައިވެސް އަމަލު ކުރާނީ އެހެންކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް، ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ރައްޔިތުންނާއި ވަރަށް ގާތުން ކަމަށެވެ. ދައުލަތުގެ ބަޖެޓުން ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ގަންނަން ހަރަދުކުރުމުގެ ބަދަލުގައި ބަލަނީ ރައްޔިތުންނާއި ގާތުން ހިދުމަތްދެވޭ މުއައްސަސާއެއް ގާއިމްކުރުމަށް ކަމަށެވެ. ކުރިއަށް އޮތް އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ނިމޭނެކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ މިއަދު ކޮޅުފުށްޓައްވެސް ވަޑައިގެންފައެވެ. ދެން ރައީސް ވަޑައިގަންނަވާނީ މުލި އަށާއި މުލަކަށެވެ. ކޮންމެ ރަށެއްގައިވެސް ރައީސް އަންނަނީ އެ ރަށަށް އަންނަ ދައުރުގައި ކުރުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއް ހިއްސާކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *