ރައީސްގެ ވައުދު ރަތްމަންދޫއަށް: ހިޔާލު ހޯދުމަށްފަހު ސެޓެލައިޓް ސްކޫލެއް ގާއިމުކޮށް، ޒަމާނީ ވޮލީ ކޯޓެއް

F1I2useaUAAk_gy

އާބާދީގައި އެންމެ 118 މީހުން ދިރިއުޅޭ މ.ރަތްމަންދޫގައި ޒަމާނީ ވޮލީ ކޯޓަކާއި ސެޓެލައިޓް ސްކޫލްގެ ހިދުމަތް ގާއިމްކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މ.ރަތްމަންދޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އާބާދީ ކުޑަކަމުން މުޅިންހެން މ.ރަތްމަންދޫއޮތީ އެހެން ސަރުކާރުތަކުން އިހުމާލުވެފައި ކަމަށެވެ. އަސާސީ ހިދުމަތްތަކުންވެސް އެ ރަށު ރައްޔިތުން މަހުރޫމްވެފައިވާ ކަމަށާއި، މި ސަރުކާރުން އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމަށެވެ.

އެގޮތުން، އެ ރަށު ފެނާއި ނަރުދަމާ މިހާރު ކުރިއަށް ދާ ކަމަށާއި، ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ޖެޓީ މަރާމާތު ކުރެވިފައިވާ ކަމަށާއި، މިހާރު ބަނދަރުގެ މަސައްކަތް އޮތީ ޕްރި-ޓެންޑަރިންގ މަރުހަލާގައި ކަމަށެވެ. ރައީސް ވިދާޅުވީ، އަމާޒަކީ މި އަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށިގެން ދިޔުން ކަމަށެވެ.

މީގެއިތުރުންވެސް، އަންނަ ދައުރުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިވަގުތު ސްކޫލުގައި ކިޔަވަނީ އެންމެ 14 ކުދިން ކަމަށެވެ. ގްރޭޑް ހަޔަކާއި ހިސާބަށް މިހާރުވެސް ކިޔަވައިދިން ނަމަވެސް، ކޮންމެ ބެލެނިވެރިއެއްވެސް ބޭނުންވާނީ ރަށުގައި ތިބެގެން ދަރިންނަށް އެންމެ މައްޗަށް ކިޔަވައިދެވޭނެ ގޮތް ވެގެން ދިޔުން ކަމަށެވެ. އެމަނިކުފަނު ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ސެޓެލައިޓް ސްކޫލް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ހިޔާލު ހޯދައިގެން، ސެޓެލައިޓް ސްކޫލެއް ގާއިމް ކުރެވޭނެ ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީ އޮތީ އެ ހިދުމަތް ފޯރުކޮށްދޭން ތައްޔާރަށް ކަމަށެވެ.

ރަތްމަންދޫއަށް އިތުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސްވަނީ އެ ރަށު ޒުވާނުންނަށް ރަށުގައި ތިބެގެން މުނިފޫހިފިލުވޭނޭ ގޮތެއްވެސް ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އެ ރަށުގައި އަޅައިދެއްވާނެކަން ރައީސް އިއުލާންކުރެއްވިއެވެ.

ކެމްޕޭނަށް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދެން ރައީސް ވަޑައިގަންނަވާނީ އެ އަތޮޅު މަޑުއްވަރީއަށާއި ދިއްގަރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *