ރައީސްގެ ވައުދު ކެޔޮދޫއަށް: ފުޓްސަލް ދަނޑަކާއި، ޕިކްނިކް އައިލޭންޑެއް

F1OCtM_aUAEyCdx

ކުރިޔަށް އޮތް ދައުރުގައި ވ.ކެޔޮދޫގައި ފުޓްސަލް ދަނޑެއްގެ އިތުރުން ޕިކްނިކް އައިލޭންޑެއް ގާއިމުކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެޔޮދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކެޔޮދޫއަށް މި ސަރުކާރުން ހަތް ވައުދެއްވެފައިވާ ކަމަށާއި، ގިނަ ވައުދުތަކެއް ކެޔޮދޫއަށް ވާންޖެހުނީ މީގެ ކުރިން ރަށަށް އެއްވެސް ކަމެއް ކޮށްދީފައިނުވުމާއެކުގައި ކަމަށެވެ.

"ކެޔޮދޫއަށް މީގެ ކުރިން އެއްވެސް ކަމެއް ކޮށްފައި ނެތުމުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު. ބައެއް މަސައްކަތް ނިމި އެހެން މަސައްކަތްތައް އެދަނީ ކުރިޔަށް. އަންނަ ދައުރުގައި ޕިކްނިކް އައިލޭންޑެއްގެ އިތުރުން ފުޓްސަލް ދަނޑެއް ރަށުގައި އަޅައިދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތައް ފުއްދަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރަށްރަށުން މިހާރު ކޮށްދޭން ބުނަމުން އަންނަ ލިސްޓުވެސް ކުޑަވަމުން އަންނަ ކަމަށާއި، ނަތީޖާއަކީ ގެނެވޭ ބަދަލުތައް ކަމަށެވެ.

މި ސަރުކާރުން ކެޔޮދޫ ބަނދަރު ހެދުމާއި ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަޝްރޫއު ކުރިޔަށް ގެންގޮސް ވަނީ ނިންމާލާފައެވެ. އަދި ސްކޫލްގެ ހަތަރު ކްލާސްރޫމްގެ ދެބުރި އިމާރާތުގެ މަސައްކަތް ކުރިޔަށްދާއިރު، ސްކޫލަށް ހަތަރު ބުރީގެ އިމާރާތެއް އިތުރުކުރުމަށް ޕްލޭންކޮށްފައި އޮތް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކެޔޮދޫގައި ވޮލީ ކޯޓެއްގެ އިތުރުން ފުޓުބޯޅަ ދަނޑެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *