އިންތިހާބުގައި ޗެލެންޖަކަށް ވާނީ ޕީޕީއެމް، ޑިމޮކްރެޓްސްއެއް ނޫން: ރައީސް

IMG_2508

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ހިމެނޭ ކޯލިޝަނަށް އޮތް ޗެލެންޖަކީ ޕީޕީއެމް ކަމަށާއި، އެއީ ރައީސް ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް ޕާޓީ ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މ. އަތޮޅަށާއި ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ރައީސް ނަޝީދު އެމްޑީޕީއާއި ދުރަށް ދިޔުމަކީ އޭގެ ގެއްލުން ފޯރާނެ ކަމެއްތޯ ނޫސްވެެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް މީހަކު ޕާޓީއާ ދުރަށް ދިޔުމަކީ ނަތީޖާއަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ކޮންމެ މީހަކު ދުރަށް ދިޔަ ނަމަވެސް އެއީ ގެއްލޭ ވޯޓު ކަމަށާއި، އެމަނިކުފާނު މަސައްކަތްކުރައްވަނީ އެހެން ގޮތްގޮތުން ވޯޓު ހޯދައި ކުރިން ތާއީދު ނުކުރާ މީހުންގެ ވޯޓުވެސް ހޯދުމަށް ކަމަށެވެ. "އަޅުގަނޑުމެންނަށް މިހާރު ބަލާއިރު، މި ގެއްލިގެން ދިޔަ އަދަދާއި އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ލިބޭތަން އެބަ ފެނޭ" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއަކީ ޗެލެންޖަކަށް ވާނެކަމަކަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެތެރޭގެ އިންތިހާބުންވެސް ރައީސް ނަޝީދާއި ވާދަކޮށް އެމަނިކުފާނު ބޮޑު ކާމިޔާބީއެއް ހޯދިކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ޑިމޮކްރެޓްސްއަކީ ޗެލެންޖަކަށް ވާނެ ކަމަކަށް ގަބޫލުނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވާދަވެރި ދެ ޕާޓީއަށް ވާނީ އެމްޑީޕީ އާއި ޕީޕީއެމް. އެއަށް ތަފާތެއް އައިސްފައި އޮތްތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއްނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ޔާމީންގެ ޝަރީއަތް ލަސްވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް މީހަކަށް އެއްވެސް މުއައްސަސާއަކުން ގެއްލުން ލިބޭކަމަށްވާނަމަ އެކަން ބައްލަވާނެކަމަށެވެ. އެހެންނަމަވެސް، އެއީ ޝަރީއަތުގެ ތެރެެއަށް އަތްބާނައްވައިގެން ނޫންކަމަށާއި، ކުރިންވެސް ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ޝަރީއަތުގައި ތިން މަރުހަލާ ނިމި އެމަނިކުފާނު މިނިވަންވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އޮތީ އެކަންވެސް ގަބޫލުކޮށްގެން ކަމަށެވެ. ޖުޑީޝަރީ މިހާރު މިނިވަން ކަމަށާއި، ޖުޑީޝަރީގެ ތެރެއަށް އަތްބޭނުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް ވަނީ މ. އަތޮޅާއި ވ. އަތޮޅުގެ ހުރިހާ ރަށްތަކަށް ވަޑައިގެން މި ދައުރުގައި ކޮށްދެވުނު ކަންތައްތަކާއި އަދި އަންނަ ދައުރުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއް ހިއްސާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *