ރައީސްގެ ވައުދު ހޯރަފުއްޓަށް: ހުރިހާ މަގެއް ހަދައި، ރޯހައުސްއާއި ފްލެޓް އަޅައިދީ، ހޮސްޕިޓަލް ނިންމަދޭނަން

F1YIPmRaYAAvbaT

ކުރިއަށް އޮތް ދައުރުގައި، ހއ.ހޯރަފުށީގެ ހުރިހާ މަގެއް ހަދައި، އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ހޮސްޕިޓަލް ތަރައްގީކޮށް ނިންމައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ ރާއްޖޭގެ ޖުމްހޫރީ ހަޔާތް ފެށިގެން މިހާހިސާބަށް އައިއިރު، އެ ރަށަށް ތަރައްގީ އައިސްފައި ނުވާކަން ފާހަގަކޮށްފައެވެ. އެގޮތުން، 1950ގެ ތެރޭގެ ރަށްވެހި ފަތިހުގެ ތަރައްގީގެ ޕްރޮގްރާމްގައި އެ ރަށް ހިމެނުނުނަމަވެސް، މަގު ތަރުތީބު ކުރުމުގެ އިތުރަށް އެއްވެސް ކަމެއް ރަށަށް ކޮށްދީފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވީ އެންމެ އެޖެންޑާއެއް ހިފައިގެންކަމަށާއި، އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން ކަމަށެވެ. 1950 އިން ފެށިގެން ފާއިތުވި 70 އަހަރު ރަށަށް މާބޮޑު ކަމެއް ނުކޮށްދީ އޮތް ނަމަވެސް، އެމަނިކުފާނުގެ ފަސް އަހަރު ގިނަ ތަރައްގީގެ ޕްރޮޖެކްޓްތަކެއް އެ ރަށަށް ހިންގިފައިވާކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީކުރެވުނު އެންމެ ފުރަތަމަ އެއާޕޯޓްވެސް ތަރައްގީ ކުރެވުނީ ހޯރަފުށީގައެވެ.

އެހެންނަމަވެސް، ތަރައްގީއަކީ އަބަދުވެސް އިތުރަށް ބޭނުންވާނެ އެއްޗެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އޮތް ހާލަތަށްވުރެ ރަނގަޅުވާން ބޭނުންވާނެ ކަމަށާއި، ރައްޔިތުން ދިރިއުޅެން ކަމުދާތަނަކަށް ހޯރަފުށި ބަދަލުކޮށްލެވުނީ އަދި ކިރިޔާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހަގީގީ ތަރައްގީ ދެން އަންނަން ފަށާނީ ކަމަށެވެ. އެގޮތުން، ރަށުގައި މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އޭގެތެރޭގައި ރަށުގެ ހުރިހާ މަގެއް ހިމަނުއްވާނެ ކަމަށް ރައީސް ވަނީ މިއަދު އިއުލާންކުރައްވާފައެވެ. އެގޮތުން، ދެން އަންނަ ދައުރުގައި ބާކީ ހުރި މަގުތައް ހަދައި މުޅި ރަށުގައި ތާރު އަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުުރުންވެސް، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ރޯހައުސް ނުވަތަ ފްލެޓް އަޅައިދިނުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް، ރަށުގެ ރައްޔިތުން ދެން އެންމެ އެދޭކަމަކީ އެ ރަށުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބުންކަމަށާއި، އެކަންވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ހޮސްޕިޓަލްގެ މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ލަސްތަކެއްނުވެ އަމަލީ މަސައްކަތް ފެށޭނެ ކަން ރައީސް އިއުލާންކުރެއްވިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް ވަނީ ވ. އަދި މ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހިޔާލު ހޯދައި ކުރިއަށް ރޭވިފައިހުރި ޕްރޮޖެކްޓްތައް ހިއްސާކުރައްވާފައެވެ. މިއަދު، ރައީސް ވަޑައިގަންނަވާނީ ހއ. ގެ ރަށްތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *