ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރަމުންދާ ދަތުރުގެ ތެރެއިން، ކުރިއަށް އޮތް ދައުރުގައި ހއ. ތުރާކުނަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން އެ ރަށުގެ ރައްޔިތުންނާއި މިއަދު ހިއްސާކުރައްވައިފިއެވެ.
ހއ. ތުރާކުނަކީ އާބާދީ މަދު އަދި އެހެން ރަށްރަށާއި ވަކިން އޮންނަ ރަށެކެވެ. މީގެ ސަބަބުން އެ ރަށަށް ތަރައްގީގެ މަޝްރޫއުތައް އެހެން ސަރުކާރުތަކުން ނުހިންގާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިން އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކޮންމެވެސް އަމިއްލަ މީހެއްގެ އެހީގައިކަމަށެވެ. ސަރުކާރުތަކުން އެއްވެސް ކަމެއް ނުކޮށްދޭކަމަށާއި، އެކަމަކު 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ އެކަން ބަދަލު ކުރުމަށް ކަމަށެވެ. އާބާދީ ކުޑަވިޔަސް ލިބެންޖެހޭ ހިދުމަތްތައް ހޯދައިދިނުމަށް ކަމަށެވެ.
މިގޮތުން ތުރާކުނުގައިވެސް ގިނަ މަޝްރޫއުތަކެއް ހިންގެއެވެ. މިއަދުގެ ޖަލްސާގެ ކުރިން ރައީސް ވަނީ އެ ރަށު ފުޓްބޯޅަ ދަނޑުވެސް ހުޅުއްވައިދެއްވާފައެވެ. ރައީސް ވިދާޅުވީ، ޒުވާނުން ދެން އެންމެ އެދެނީ ރޭގަނޑުވެސް ކުޅެވޭނޭގޮތް ވެގެންދިޔުން ކަމަށާއި، އެކަމަށް އަމަލީ ސިފަ ވަރަށް އަވަހަށް ގެނެސްދެއްވާނެކަމަށެވެ.
މީގެއިތުރުންވެސް، އާރްޓީއެލްގެ ފެރީ ހިދުމަތުން އެ ސަރަހައްދު ގުޅާލުމުން މިހާރު އެ ރަށުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބެމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރިން ސިއްހީ ހިދުމަތް ހޯދުމަށް ކުޅުދުއްފުއްޓަށް 5،000 ރުފިޔާއަށް ކުރި ދަތުރު މިހާރު 150 ރުފިޔާއަށް ކުރެވޭނެ ކަމަށާއި އިރުއޮއްސުމުގެ ކުރިން އެނބުރި އާދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަންނަ ދައުރުގައި އެ ރަށަށް ކޮށްދެއްވާނެ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަނދަރުގެ ކުޑަވުމުގެ މައްސަލަ އެ ރަށުގެ ރައްޔިތުން ފާހަގަކުރައްވާ ކަމަށެވެ. އަންނަ ދައުރުގައި ބަނދަރު ބޮޑުކޮށް އަރާފޭބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި، ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ އެދުމުގެ މަތިން، އެ ރަށް ކައިރީގައި އޮންނަ ވަނގާރު ޓޫރިޒަމް ތަރައްގީ ކުރުމުގެ ލިސްޓުން ނަގައި ރައްޔިތުންނަށް ބޭނުންކުރެވޭނޭ ގޮތްވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
އެއާއެކު ރަށަށް މިހާރު ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެ، ވަނގާރުގައި އެގްރިކަލްޗަރގެ މަސައްކަތްތައްވެސް ކުރެވޭނެ ކަމަށެވެ. ތުރާކުނު ބިން ހިއްކިމުގެ މަސައްކަތްވެސް މި ސަރުކާރުން ވަނީ ކޮންޓްރެކްޓް ކޮށްފައެވެ. އެކަންވެސް ލަސްތަކެއްނުވެ ފެށޭނެކަން ރައީސް މިއަދު އިއުލާންކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ މުޖުތަމައު އަމާންވުމުން ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަކީ އަމާންތަނަކަށް ހެދުންކަމަށެވެ.