ރައީސްގެ ވައުދު އުލިގަމަށް: ހައުސިންގ ޔުނިޓު އަޅައިދީ މައި މަގުގައި ތާރު އަޅައިދޭނަން

F1ZKHNhaYAEVHSN

ކުރިއަށް އޮތް ދައުރުގައި، ހއ.އުލިގަމުގެ މައި މަގު ހަދައި، އެ ރަށުގައި ހައުސިންގ ޔުނިޓުތައް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ކެމްޕޭނަށް ރައީސް އެ ރަށަށް ވަޑައިގަތުމުން، ބޭނުންވާ ވަރަށް ގިނަ ކަންތައްތަކުގެ ލިސްޓެއް ރަށު ރައްޔިތުން ދިން ކަމަށާއި އޭގެތެރެއިން ގިނަ ކަންކަން ކޮށްދިނުމަށް އޭރުވެސް ވައުދުވި ކަމށެވެ.

އެގޮތުން، އޭރު ރައްޔިތުން އެދުނީ ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުމަށް ކަމަށްވާއިރު، މިހާރު ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ކުޑަކުދިންގެ ޕާކަކާއި ފެނަކައިގެ އޮފީހާއި އައު އިންޖީނުގެވެސް އަޅާ ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި، ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމްގެ މަސައްކަތާއި ބަނދަރުގެ މަސައްކަތެވެ. ބަނދަރުވެސް މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

އުލިގަމަކީ މާލެ ފިޔަވައި ޔޮޓްފަހަރު އެންމެ ގިނައިން އަންނަ ރަށެވެ. ރައީސް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ނިމޭއިރު ޔޮޓް ފަހަރު ކައިރިކުރެވޭނެ ރަނގަޅު ނިޒާމެއް އޮންނާނެ ކަމަށެވެ. ރަށުގެ އަސާސީ ގިނަ ހިދުމަތްތައް މިހާރު ނިމިފައިވާއިރު، އުލިގަމަކީ މިހާރު ޓޫރިޒަމަށް ފައްކާވެފައިވާ ރަށެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ރަށަށް އިތުރު އިންވެސްޓްމެންޓްތައްވެސް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޓޫރިޒަމް ހޮޓާއަޅަން ރަށުން ދޫކޮށްފައި އޮތް ބިން މިހާރު ކައުންސިލާއި ހަވާލުކޮށް، އޭގެތެރެއިން ދެ ބިމުން ކައުންސިލަށް އާމްދަނީ ލިބޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެ ބިމުގައި ކުރީ ސަރުކާރުން އާމަރީއެއް ހަދަން ބަޔަކާއެކު އެއްބަސްވެފައިވާކަމަށާއި، އެ އެއްބަސްވުން ބާތިލްކުރުންވީ ދައުލަތަކަށް ވަރަށްބޮޑު ބުރައަކަށް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ އަޑި ނޭގޭ އެއްބަސްވުމެއް ކަމަށެވެ. އެ ކުންފުނީގެ އަތުގައި އެގްރީމެންޓް އޮތް ނަމަވެސް، އެފަދަ އެގްރީމެންޓެއް ސަރުކާރުގައި ނެތްކަމަށާއި، ރައްޔިތުންނަށް ނަފާވާނެގޮތަށް ބިން ދޫކޮށްލަން އެމަނިކުފާނު ނިންމެވީ އެހެންވެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ސިއްހީ މަރުކަޒުވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތް ލިބޭނެ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި، ރައްޔިތުންގެ އެދުމާއި އެއްގޮތަށް މައި މަގުގައި ތާރު އަޅުއްވާނެކަންވެސް މިއަދު އިއުލާންކުރެއްވިއެވެ.

އުލިގަމަކީ ބިން ބޮޑުވިޔަސް ބޯހިޔާވަހިކަމުގެ ދަތިކަންވެސް އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ހައުސިންގ ޔުނިޓުތައްވެސް ގާއިމްކޮށްދެއްވާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *