ރައީސްގެ ވައުދު މާރަންދޫއަށް: ގިރާ ސަރަހައްދު ހިމާޔަތްކޮށް، ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް އަދި އައު ކައުންސިލް އިދާރާއެއް

F1dP1iraYAEj4LX

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާރަންދޫއަށް ވަޑައިގެން އެ ރަށަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ހިއްސާކުރައްވައިފިއެވެ.

ހއ. މާރަންދޫއަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ، އެ ރަށުގެ ކައުންސިލް އިމާރާތުގެ ބިންގާ އެޅީ މީގެ 25 އަހަރު ކުރިން ކަމަށެވެ. އެހެންނަމަވެސް އަދިވެސް އިމާރާތް ބިމުން މައްޗަށް ނާރާކަމަށެވެ. ސިއްހީ މަރުކަޒުވެސް އިންތިހާބާއި ދިމާކޮށް ނަންބޯޑު ބަދަލުކޮށް ހޮސްޕިޓަލެއްގެ ފެންވަރު ދިން ކަމަށާއި އެހެންނަމަވެސް އެތަނަށް ބޭނުންވާ މީހުން ހަމަޖައްސާދީފައި ނުވާކަމަށެވެ. ރައީސް ވިދާޅުވީ ގިނަ ސަރުކާރުތަކުން ކަންކަން ކުރަނީ ހަމައެކަނި ރައްޔިތުންގެ ވޯޓު ހޯދަން ކަމަށެވެ.

އެހެންނަމަވެސް، މި ސަރުކާރުން ކަންކަން ކުރަނީ ރޭވުންތެރިކަމާއެކު ޕްލޭނެއް އޮވެގެންކަމަށެވެ. އެގޮތުން، ރައްޔިތުންގެ އެދުމުގެ މަތިން ސިއްހީ މަރުކަޒު ފެންވަރު ރަނގަޅުކޮށް 24 ގަޑިއިރު ހިދުމަތް ލިބޭތަނަކަށް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވަނީ މިއަދު ވައުދުވެވަޑައިގެންފައެވެ. ސިއްހީ މަރުކަޒަށް ބޭނުންވާ މީހުން ހަމަޖައްސައި އެތަނުން ލެބޯޓަރީގެ ހިދުމަތްވެސް ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަން މިއަދު އިއުލާންކުރެއްވިއެވެ.

މީގެއިތުރުން، ކައުންސިލްގެ އިދާރާ ހުރީ ވަރަށް ނިކަމެތިކޮށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އައު ކައުންސިލް އިދާރާތައް އެޅުމާއި ގުޅޭގޮތުން އެލްޖީއޭއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާގެ މަތިން މާރަންދޫގެ ކައުންސިލް އިދާރާވެސް އަންނަ ދައުރުގައި ހެދުމަށް ވަނީ ނިންމާފައެވެ. އަދި، ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް އޭޓީއެމްގެ ހިދުމަތްވެސް ގާއިމްކޮށްދިނުމަށް ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.

މާރަންދޫގައި ވާހަކަދައްކަވަމުން ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ރައީސް ނަޝީދަށް ފާޑުވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ، ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ވެރިކަން ބަދަލު ކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ކަމަށެވެ. އެހެންނަމަވެސް، ވެރިކަމުގައި ދެމި ތިބެންވެސް ދަންނަން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *