ރައީީސްގެ ވައުދު ތަކަންދޫއަށް: ބަނދަރު ބޮޑުކޮށް، އިޖްތިމާއީ މަރުކަޒެއް އަޅައިދޭނަން

F1dk7NTaUAAFJm5

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތަކަންދޫއަށް ވަޑައިގެން އެ ރަށަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ހިއްސާކުރައްވައިފިއެވެ.

ހއ. ތަކަންދޫއަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އަބަދުވެސް ޒަމާނުއްސުރެ ކުދި ރަށްތަކަށް ވެފައިވާ އިހުމާލުން އަރައިގަނެ ރަށްތައް ތަރައްގީވުން ކަމަށެވެ. އެގޮތުން، ތަކަންދޫގެވެސް އަސާސީ ހިދުމަތްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރިއަށްދާއިރު، އިންޖީނުގޭގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް، ތަކަންދޫގެ ތަރައްގީއަށް އަދިވެސް ބައެއް ކަންކަން ކުރަން ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށެވެ. ނެރު ފައިކަށި ބަދަލުކުރުމަށް އެމްޓީސީސީއާ މިހާރު ކޮންޓްރެކްޓް ކުރެވިފައިވީ ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ބަނދަރު ބޮޑުކުރުމަށްވެސް ހަވާލުކުރައްވާނެކަން ރައީސް މިއަދު އިއުލާންކުރެއްވިއެވެ.

ރަށުގައި ތިބެގެން މުނިފޫހިފިލުވޭނޭ ގޮތްތަކެއް ހަމަޖެހުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގައި ވޮލީ ކޯޓެއް އަޅައި ނިމިފައިވާ ކަމަށެވެ. އަދި، ރަށުުގައި އިޖްތިމާއީ މަރުކަޒެއް ގާއިމްކުރުމަށް ރައްޔިތުން އެދޭތީ، އެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.

ތަކަންދޫގައި ވާހަކަދައްކަވަމުން ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދިއުމަށް ހަމަޖެހުން ގައުމުގައި ގާއިމް ވުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. 2000ގެ ކުރީކޮޅުގައި އިސްލާހީ މަސައްކަތް ފެށީއްސުރެ ތަކަންދޫގެ ރައްޔިތުންނަކީ ދެގޮތެއްނުވެ އެ މަސައްކަތުގައި ބައިވެރިވި ބަޔެއްކަން ފާހަގަކޮށް ރައީސް ވަނީ ކުރިމަގުގައިވެސް އެގޮތުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *