ރައީސްގެ ވައުދު ކެލާއަށް: ސްޕޯޓްސް ކޮމްޕްލެކްސް އަޅައި، ހެލްތު ސެންޓަރުގެ ފެންވަރު މަތިކޮށް، ޓޫރިޒަމަށް ފުރުސަތު

F1ePtX-acAAckDC

ކުރިއަށް އޮތް ދައުރުގައި، ހއ.ކެލާގައި މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސް އަޅައި، ހެލްތު ސެންޓަރު ފެންވަރު މަތިކޮށް، ޓޫރިޒަމަށް އިތުރު ފުރުސަތު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިއަދު ހއ. ކެލާއަށް ވަޑައިގެން ރައީސް ވިދާޅުވީ، ކެލާއަކީ އުންމީދު އޮތް ރީތި ބޮޑު ރަށެއް ނަމަވެސް ސަރުކާރުތަކުން ކުރަންޖެހޭ ކަންކަން ނުކޮށް އޮތުމުގެ ސަބަބުން އެ ރަށުގެ ތަރައްގީ މަޑު ޖެހިފައިވާކަމަށެވެ. އެ ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް އޮތީ ގާއިމް ނުކޮށްދީ ކަމަށާއި މި ސަރުކާރުން ކުރީ އެ މަސައްކަތް ކަމަށެވެ.

މީގެއިތުރުންވެސް، ރަށުގައި ހުރި ވަސީލަތްތަކުން ރައްޔިތުންނަށް ނަފާވާނެ ގޮތެއް ހޯދައިދީފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް އެ ނިޒާމު ފައްކާ ކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން ކެލާއަށްވެސް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. އެގޮތުން، ރަށުން ޓޫރިޒަމަށް ބިން ވަކިކޮށް ކައުންސިލާއި ހަވާލުކުރެވިއްޖެ ކަމަށާއި، އޭގެ ސަބަބުން އެ ބިންތައް ޓޫރިޒަމަށް ދޫކުރެވި ގިނަ ވަޒީފާތަކެއް އުފެދިގެން އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ކެލާގެ ތަރައްގީއަށްޓަކައި އެ ރަށުގެ ބަނދަރުވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްދީފައެވެ. އެހެންނަމަވެސް، ބަނދަރު ފޭސް ދޭއްގެ މަސައްކަތް ނިމުނު އިރު އަދި ބޭރު ތޮށި އުސްކުރަން ޖެހެއެވެ. ރައީސް ވިދާޅުވީ، އެކަން ކޮށް ބަނދަރަކީ ފަސޭހަ ބަނދަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އޭރުން ޔޮޓް ފަހަރު އައިސް ޓޫރިޒަމްގެ އިތުރު ފުރުސަތު ހުޅުވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އިތުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ބައެއްކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުމަށް ނިންމާފައިވާކަމަށެވެ. އަދި، ހެލްތު ސެންޓަރު ލެވެލް ހަތަރަކަށް ބަދަލުކޮށް އެތަނުން އިތުރު ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖައްސާދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް އިއްޔެއާއި މިއަދު ވަޑައިގަންނަވަނީ ހއ. އަތޮޅުގެ ރަށްތަކަށެވެ. އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އަންނަ ދައުރުގައިވެސް ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންކަން އަންނަނީ ހިއްސާ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *