އޮސްޓްރޭލިއާ އާއި ޔޫއޭއީގެ އައު ސަފީރު، ރައީސްއަށް ފަތްކޮޅު އަރުވައިފި

308028_a3303c09-e_

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޭވިޑް ޖަސެޕް އާއި ޔުނައިޓޭޑް އަރަބް އެމިރެޓްސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިަށް އަރުވައިފިއެވެ.

ރަސްމިއްޔާތައް ފަހު އޮސްޓްރޭލިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އޮސްޓްރޭލިޔާ ސަރުކާރުގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އޮސްޓްރޭލިޔާގެ ސަފީރު ވަނީ އަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރާ އަހަރުކަމަށް ވުމާއެކު އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމުކުރާ މި ދަނޑިވަޅަކީ އެކަމަށް ވަރަށް މުނާޞަބު ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމުގައިވާ މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ކަންކަމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު އާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ މަތީ ތަޢުލީމުގެ ދާއިރާއާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއާ އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާ އަދި މި ނޫންވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފައެވެ.

ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝައިޚް ރަހްމާއާ ރައީސް ސޯލިހު ބައްދަލުކުރައްވާފައިވާއިރު،ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެ ތަރައްޤީ ކުރުމުގައި ޔޫއޭއީއިން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ޔޫއޭއީއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޔޫ.އޭ.އީ.ގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ޔޫ.އޭ.އީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދެމެދު ބޭއްވެވި މަޝްވަރާތައް ނިންމަވާލެއްވީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *