ޑރ.މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފި

309285_48f1e5c7-f_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އަދި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.

ޑރ.މުސްތަފާ ލުތުފީއަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޑރ.މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް ރައީސް ސޯލިހު އެރުއްވީ ޑރ.މުސްތަފާ ލުތުފީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް ވުމާއި، ރާއްޖެ މިއަދު މި ދެކޭ ތައުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އަދި، ތަފާތު އެކި މަޤާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މިއަދުގެ ޖަލްސާގައި ރައީސް ސޯލިހުދެއްކެވި ވާހަކަފުޅުގައި ޑޮކްޓަރ މުސްތަފާ ލުތުފީއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށާއި، ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ތައުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ތަޢުރީފް ހައްގު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސް ސޯލިހު، ޑރ.މުސްތަފާ ލުތުފީއަށް، ދިވެހި ދައުލަތުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *