ތަފާތު ހިޔާލުތަކަށް ޖާގަދީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ މާރިޔާ ދެއްވި ހިތާބެއްގައި ވިދާޅުވީ، މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ފާހަގަކޮށް އުފާކުރާއިރު، ކުރިމަގަށް ވިސްނަންޖެހޭ ކަންކަންވެސް އެހާމެ ގިނަ ކަމަށާއި، ބަދަލުވަމުންދާ ސަރަޙައްދީ މާޙައުލާއި، އިސްތިރާޖީ ހަލަބޮލިކަމުގެ ތެރެއިން، މިޤައުމު ކުރާ ދަތުރު އަމާންކަމާ އޮމާންކަމާ ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމުގެ ހަކަތަޔަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ކަމަށެވެ.
މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާކަމެއްނޫންކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، އެއީ މުޅި ދިވެހި މުޖުތަމައާއި ދިވެހި ކޮންމެ ރައްޔިތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. މިގޮތުން ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަދުލު އިންސާފް ޤާއިމްވުމާއި، ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމާއި، ވިޔަފާރިއާއި އިޤްތިޞާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ފަހި މާޙައުލެއް އޮތުމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީވެސް، ޤައުމުގެ މިނިވަންކަމާއި ގުޅިފައިވާ މުހިންމު ކަންކަން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގެ މިނިވަން ފަޒާގައި ދިވެހި ދިދަ ވިހުރުވާ، ފަޚުރާއެކު އަޅުގަނޑުމެންގެ ޤައުމީ ސަލާމުގެ އަޑު ދުނިޔެއަށް އިއްވާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކީވެސް މި ޤައުމުގެ މުސްތަޤުބަލު ބިނާ ކުރުމުގައި މުހިންމު ޒިންމާއެއް އޮތް މީހެއްކަން ޤަބޫލުކުރުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެއް" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އެންމެ ޙައްސާސް ވަގުތުތަކުގައިވެސް، ޤައުމާއި ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ދަތި ޙާލަތަކާވެސް ފަސްޖެހުމެއްނެތި ކުރިމަތިލާ، މަސްއޫލިއްޔަތާއި ވާޖިބަށް އިސްކަންދީގެން ކުރާ ހިތްވަރުގަދަ މަސައްކަތަކީ، މި ދިވެހި ފަސްގަނޑާއި ދިވެހި ރައްޔިތުންގެ މައްޗަށް އެމީހުންގެ ހިތުގައިވާ ކުލުނާއި ލޯބި ހާމަކޮށްދޭ ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.
"މިއަދު ތިޔަ ބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް މިއަރުވަނީ، މިސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ހިމެނޭ"
މީގެއިތުރުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ހޯދާ، ޒަމާނީ ކުރުމާއި، ޤައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީނު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށްވެސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.