ސެނެޓުގެ ނިންމުން ޔާމީނަކަށް ކަމަކު ނުދިޔަ – ބޭނުމީ މުއިއްޒު ފެއިލްކޮށްލަން!

Yamin and muizzu

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން 2 ދުވަހަށް ވެފައިވާއިރު، ސިޔާސީ މައިދާނުގައި މިހާރު ނުއެތުރި އޮތް އެންމެ މުހިންމު ކުޅިބަޔަކީ އެންމެ ބޮޑު އިދިކޮޅު ކޯލިޝަން ޕީޕީއެމް-ޕީއެންސީގެ ކުޅިބައެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުންދާތީ، އެ ބޭފުޅުންނަށް ކުޅިބައި އަތުރާލަން ދަތީއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނަށް އިންތިހާބުގައި ކުރިމަތިލެވޭނެ ކަމަށް ނުބެލެވެއެވެ. އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާއިރު، އެކަމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔަ ގޮތުންވެސް، އެމަނިކުފާނުގެ ފޯމު ބަލައިގަނެވޭނޭ ގޮތަކަށް ގާނޫނަށް ލަފްޒެއް އިތުރުކޮށްގެން، 'ހުކުމް' އެއީ 'ނިހާއ’ީ ހުކުމެއްގެ ގޮތުގައި މާނަ ކުރުމަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫންކަން ފަނޑިޔާރުންގެ ވާހަކައިންވެސް ދޭހަވެއެވެ. ގާނޫނަށް ލަފްޒެއް އިތުރު ކުރުމަކީ ގާނޫނު ހަދާ މަޖިލީހަށް ލިބިގެންވާ ބާރެކެވެ. ސުޕްރީމް ކޯޓަށް ގާނޫނު މާނަ ކުރެވޭނީއެވެ. ލަފްޒެއް އިތުރެއް ނުކުރެވޭނެއެވެ.

އެކަން ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މާ ކުރިންވެސް އެނގިވަޑައިގަނެއެވެ. އެމަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކުރައްވާނޭ ކެނޑިޑޭޓަކާމެދު ފިކުރު ކުރައްވާތާ ލައްކަ ދުވަސް ވެދާނޭކަންވެސް ޔަގީނެވެ. އެހެނަސް، ޔާމީނަކީ ސިޔާސީ މައިދާނަށް އިންތިހާއަށް ފަރިތަ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި އިހު ހިނގާފައިހުރި ކަންކަމުން އިބުރަތް ހާސިލް ނުކުރާނަމަ ކުރިމަގަށް ވިސްނައި ފިޔަވަޅު އަޅަން ދަތިވާނޭކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓު 2018 ވަނަ އަހަރު ރައީސް ނަޝީދު އަތުން ދޫވެ ރައީސް ޞޯލިހު އަތަށް ބަދަލުވުމަކީ ސިޔާސީ މައިދާނަށް އައި ބޮޑު ބަދަލެކެވެ. ރައީސް ނަޝީދު ޕާޓީތެރެއިން ފަނޑުވެ އެންމެ ފަހުން ޕާޓީއާއި ވަކިވާން ޖެހުނީވެސް އޭރު ދޫވި ޓިކެޓާއެކު، ޕާޓީގެ ތެރެއިން ލިބިފައި އޮތް ތާއީދުވެސް މަޑުމަޑުން ގެއްލިގެންނެވެ. ރައީސް ޔާމީން ޖަލުގައި އިންނެވުމާއެކު އެ މަންޒަރު އެމަނިކުފާނުގެ ސިކުނޑިން ކައްސާލައިގެނެއް ނުދެއެވެ. އެކަމާ ފިކުރު ކުރައްވާނެއެވެ.

ސެނެޓައް ބާރުދޫކޮށްލީ އިތުބާރު ކޮށްފައި – ހެދުނީ ގޯހެއް؟

ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތިނުލެވޭ ހާލަތެއްގައި އެމަނިކުފާނު ބޭނުންފުޅުވާނީ ޕާޓީގެ ތެރެއިން އެމަނިކުފާނު ފަނޑުކޮށް ނުލާނޭ މީހަކަށް ޓިކެޓު ދިނުމަށެވެ. އެހެންނަމަވެސް، ހުދުމުހުތާރުކޮށް އެމަނިކުފާނު ބޭނުންފުޅު މީހަކަށް ޕާޓީގެ ޓިކެޓު އެރުވުމުގެ ބަދަލުގައި، ޑިމޮކްރެޓިކް ސިފަތަކެއް ދައްކަން އެމަނިކުފާނަށްވެސް މަޖުބޫރެވެ. ޕާޓީގެ ތެރޭގައި ބައެއް ބޭފުޅުންގެ ބާރު ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، އެނޫންގޮތަކަށް އެކަން ކޮށްފިނަމަ އެއީ އެމަނިކުފާނުގެ ތާއީދުވެސް ގެއްލިގެން ހިނގައިދާނޭ ކަމެއް ކަން އެނގެއެވެ. އެހެންވެ، ޕީއެންސީގެ ކެނޑިޑޭޓް ކަނޑައެޅުމުގެ ފުރުސަތު ޕީޕީއެމް-ޕީއެންސީ ސެނެޓަރުންނަށް ދޫކޮށްލެއްވިއެވެ. އިތުބާރު ކުރެއްވީ، އެ ބޭފުޅުން އިސްކުރައްވާނީ އެމަނިކުފާނުގެ ހިޔާލާއި ފިކުރުކަމަށެވެ. ޓިކެޓަށް ކުރިމަތިލެއްވީ މާލެ ސިޓީ މޭޔަރު ޑރ. މުއިއްޒުއާއި، ރައީސް ޔާމީންގެ ތާއީދާއެކު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

"އެނގިވަޑައިގެންވާނެ ފަދައިން ރައީސް ޔާމީން އެންގެވީ، ޕީއެންސީން ކެންޑިޑޭޓެއް ފައިލް ކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ވިސްނުންފުޅަކީ ވެސް ޕީއެންސީގެ ތެރެއިން ބޭފުޅަކު ނެރުން. މިހާތަނަށް ލިބިފައި ހުރި އިންޑިކޭޝަންތަކަށް ބަލާއިރު، ރައީސް ޔާމީން އާއި އަޅުގަނޑާ ދެމެދު ފުރިހަމަ އިތުބާރެއް އެބަ އޮތް،" ސެނެޓު އިންތިހާބުގެ ކުރިން ޝަރީފް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެއެވެ. ނުސީދާކޮށް އެ ވިދާޅުވަނީ ޕީޕީއެމް ދޫކޮށް ޓިކެޓުގެ ދަހިވެތިކަމުގައި ޕީއެންސީއަށް ވަޑައިގެންނެވި ޑރ. މުއިއްޒުއަށް ޔާމީންގެ އިތުބާރު ނެތް ކަމަށެވެ. ދެން ވިދާޅުވީ އަދި މާ މުހިންމު ވާހަކައެކެވެ.

"އަދި އެނގިވަޑައިގަންނަވާނެ، މިއަދާ ހަމައަށް ވެސް ރިޔާސީ ރޭހުގައި ވާދަކުރުމަށް މަސައްކަތެއް ނުކުރަން. އަޅުގަނޑު ހުރީ، އަދިވެސް ހުރީ ރައީސް ޔާމީންގެ ފޮލޯވާއެއްގެ ގޮތުގައި" ޝަރީފް ވިދާޅުވިއެވެ. އެ ވިދާޅުވަނީ މާލެ ސިޓީ މޭޔަރުގެ މަގާމު ބޭނުންކުރައްވައިގެން ޑރ. މުއިއްޒު އަޑިއަޑިން ކުޅުއްވާ ކުޅިވަރު ރައީސް ޔާމީނަށާއި ލީޑަރޝިޕަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމެވެ. ކުރައްވަނީ ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި މުއިއްޒު އުޅުއްވާލެއް ބޮޑުކަމުން އެކަމާ ރައީސް ޔާމީން ނުރުހުންވާ ކަމުގެ އިޝާރާތެކެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމު ލިބުނީއްސުރެ ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި ޑރ. މުއިއްޒު އުޅުއްވާކަމުގެ އަޑުތައް ދޭތެރެއަކުން ފެތުރެއެވެ. ނޫސްވެރިން މުއިއްޒުއާއި އެ ސުވާލު ކުރިމަތިކުރުވާ ކޮންމެ ފަހަރަކު، ރަކި ހިނިތުންވުމެއް ދެއްވަނީވެސް އެހެންވެއެވެ. އެއީ ނަފްސުގެ މައްޗަށް ބާރު ގެއްލި، އަތުން ދޫވެ، މޫނު މަތިން ފާޅުވާ ހިނިތުންވުމެކެވެ. އެހެނަސް، އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ގިނަ ހިސާބުތަކެއް ޖަހައި ހަދާފައިވާ މަކަރުވެރި ރޭވުންތަކެކެވެ. މޭޔަރުގެ މަގާމާއެކު ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށް، ގިނަ ސެނެޓަރުންނަށް ވަނީ ބޮޑެތި މުސާރަތަކާއެކު ގިނަ މަގާމުތަކެއް ދީފައެވެ. ސިޓީ ކައުންސިލުން ކޮންސަލްޓެންޓުންގެ ގޮތުގައިވެސް ގިނަ ބަޔަކު ގެންގުޅޭއިރު، ބައެއްް ބޭފުޅުންގެ މުސާރަ 30،000 ރުފިޔާއަށް އަރާކަމަށްވެއެވެ. ވެށިފާރަވެރިންގެ ގޮތުގައިވެސް ސެނެޓަރުންގެ ތިމާގެ މީހުންނާއި ޕީޕީއެމް-ޕީއެންސީގެ އާންމު ގިނަ ބަޔަކު ހިމެނެއެވެ.

ޕްރޮޖެކްޓް ތަކަށް ދާންދެެން އެ ބޭފުޅުންނަށް ބައްސަވަމުން ގެންދެވީ، ސެނެޓަރުންގެ ވޯޓަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނޭ ދުވަހެއް އަންނާނޭކަން އެނގި އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ތައްޔާރީތަކުގެ ނަތީޖާ ވަރަށް ފޮންޏެވެ. 2 ވޯޓުގެ ތަފާތުން ނަމަވެސް، ރައީސް ޔާމީންއަށް ގޮންޖައްސަވައި ޕީއެންސީގެ ޓިކެޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވިއެވެ. ފެންނަ ފެނުމަށް ޕީޕީއެމް-ޕީއެންސީގެ ކުޅިބައި އަތުރައި ނިމުނީތާއެވެ.

މުއިއްޒު ފެއިލްކޮށްލަން މަސައްކަތް ފެށުން!

އެހެންނަމަވެސް، މުއިއްޒުއަށް ޓިކެޓު ދޫކޮށްލެއްވުމަކީ ރައީސް ޔާމީން ރުހޭ ކަމެއް ނޫނެވެ. ނުމޮށޭ ގުރާ ދައިގަންނަލެއް ބާރު ކަމުން، މުއިއްޒުއަށް ޓިކެޓު ދީފިނަމަ އެއީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިމުންކަން އެމަނިކުފާނަށްވެސް ފަހުމްވެއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންހިނގާފައިވާގޮތް ފެނި، އެމަގުން ޕީޕީއެމް-ޕީއެންސީ ހިނގަން ދޫކޮށްލުމަކީ ރައީސް ޔާމީން ނުރުހޭ ކަމެކެވެ. އެހެނަސް، ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމަކީ ކުރިން ޕްލޭން 'ބީ’އެވެ. އެއީ، ސުޕްރީމް ކޯޓުގެ ހުކުމް ރައީސް ޔާމީނާއި ދެކޮޅަށް އިއްވުމުން ދެން އޮތް ގޮތެވެ. އެކަން ޕީއެންސީގެ ވޯޓުލުން ކުރިއަށް ދިޔަ ދުވަހު އަބްދުއްރަހީމް އަބްދުﷲ ވެސް މީޑިއާތަކަށް ވިދާޅުވިއެވެ.

"މަޝްވަރާ މަޖިލިސްގައި ނިންމީ މި އަހަރުގައި މި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭ އެއްވެސް ހާލަތެއް އަތުވެއްޖެއްޔާ، އެފަދަ ހާލަތެއްގައި ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަން" އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. ޕީޕީއެމްގެ ކެނޑިޑޭޓަކު ނެރޭ ވާހަކައެއް ނުދައްކަވައެވެ. ހަމައެކަނި ޕީއެންސީގެ ކެނޑިޑޭޓެއްގެ ވާހަކައެވެ. އެހެނަސް، އޭރު އަބްދުއްރަހީމްއަށްވެސް ނޭނގެނީ އިންތިހާބު ސީދާ ކާމިޔާބި ކުރައްވާނީ ކޮން ބޭފުޅެއްކަމެވެ. އާދަމް ޝަރީފް އިންތިހާބު ކާމިޔާބު ކުރުމަކީ ރައީސް ޔާމީނާއި ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރުހޭ ގޮތެވެ. އޭރުން އެއީ ހަމަ ހަގީގަތުގައިވެސް ޕްލޭން 'ބީ' އެވެ. އެކަމަކު، ވޯޓު ގުނައި ނިމުނު އިރު، ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒުއެވެ.

އެއާއެކު، ރައީސް ޔާމީންގެ ސީދާ ލަފަޔާއެއްގޮތަށް މުއިއްޒު ފެއިލްކޮށްލުމުގެ މަސައްކަތް ފެށުނެވެ. މިފަހަރު، އެންމެނަށް ތިލަވާނޭހެންނެވެ. ކުރިން ބުނެވުނު ޕްލޭން 'ބީ' ބަދަލުވެގެންދިޔައީ ޕްލޭން 'ސީ’އަށެވެ. ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމުގެ ބަދަލުގައި، ރައީސް ޔާމީންއަށް ކުރިމަތި ނުލެވޭ ހާލަތުގައި ޕީޕީއެމް އިން ކެނޑިޑޭޓަކު ނެރުމަށް އިތުރު ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުގައިވެސް އެދިއްޖެއެވެ. ލީޑަރޝިޕްގެ ފަރާތުން، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މީޑިއާތަކަށް އެގޮތަށް މައުލޫމާތުވެސް ދެއްވަން ފަށައިފިއެވެ. ރައީސް ޔާމީންގެ ލޯޔަރު އަދި ރަނިންގމޭޓް، ޑރ. ޖަމީލްވެސް މީޑިއާތަކަށް އެގޮތަށް މައުލޫމާތު ދެއްވައިފިއެވެ.

ފަހަރުގައި، ޕީޕީއެމްގެ ތެރެއިން ޝިޔާމް ފަދަ ބޭފުޅުން ޓިކެޓުގެ ދަހިވެތިކަމުގައި އުޅުއްވަނީ ކަމަށްވެސް ވުން އެކަށީގެންވެއެވެ. އެހެންނަމަވެސް، އެ ބޭފުޅުންވެސް އެކަން ކުރައްވާނީ ރައީސް ޔާމީންގެ އެދުމުގެ މަތިން ކަމަށްވުމަކީ ނުވުމަށްވުރެ ގާތްކަމެކެވެ. މުއިއްޒު ޓިކެޓި ދަހިވެތިވެފައިވާލެއް ބޮޑުކަމުން އިތުބާރު ކުރައްވަން އެންމެ ބޭފުޅުންނަށްވެސް ދަތީއެވެ. އެހެނަސް، މުއިއްޒުއަށްވެސް ތާއީދު ކުރައްވާ ބޭފުޅުން ޕާޓީގެ ތެރޭގައި ގިނައެވެ. ދެ ފެކްޝަނެއް އުފެދި ޕާޓީގެ ތެރޭގައި ކޯޅުން ބޮޑުވެފައިވަނީވެސް އެހެންވެއެވެ.

ކޮންމެ ގޮތަކަށް ކަންވެގެންދިޔަ ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ކުޅިބައި އަތުރާ ނިންމަން އޮތީ ހަމަ އެންމެ 2 ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *