މާލެއިން ހިމަ ބިއްސަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

img_lg_202004040309021585951742.6836

މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހު މާލެ ސަރަހައްދުން ދިވެއްސަކު ހިމަ ބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ކޭސްއާ ގުޅޭގޮތުން ބެލި ބެލުމުން ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން (އިމްޕޯޓެޑް ކޭސް) އެއްކަން ވަނީ އެނގިފައި ކަމަށެވެ.

ބަލި ޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، އެ ފަރާތަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ، ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު، ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި، އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުން ވަނީ ކުރިޔަށް ގެންދެވިފައި ކަމަށްވެސް އެ އެޖެންސީއިން ބުނެއެވެ.

މީގެއިތުރުން ބަލި ޖެހިފައިވާ ފަރާތުން ވަނީ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ދަތުރުމަތީގައި އާއި ގެއާއި ހޮސްޕިޓަލުގައި އޭނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު މިހާރު ދަނީ އެއްކުރެވެމުން ކަމަށާއި، އެ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުދީ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވެ ތިބި ފަރާތްތަކަށް ވެކްސިން ޖެހުން ކުރިޔަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އުސޫލުގެ މަތިން ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިނޭޝަން ކުރިޔަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައވެެ.

ހިމަބިހީގެ މައިގަނޑު އަލާމަތަކީ ހުން އައުމާއެކު ހަމުގައި ރަތް ބިހި ނެގުމެވެ. މީގެއިތުރުން ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުންފަދަ އަލާމާތްވެސް ހިމެނެއެވެ. މިގޮތުން އެއްވެސް ފަރާތަކަށް އެފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސް ނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އެދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *