ރާއްޖެއަށް މިހިސާބަށް އާދެވުނީ ދައުލަތަށް ދިގު ހިދުމަތްކުރެއްވި ހިދުމަތްތެރިންގެ ގުރުބާނީން: ރައީސް

311193_da0cf136-2_

ތަރައްޤީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ޤުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެންވިދާޅުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ނައިބުރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ އާއި ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެބޭފުޅުންނަކީ، ރާއްޖޭގެ ގައުމީ ތަރައްގީގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވައި އެ ބޭފުޅުންގެ ހިދުމަތުން މިއަދުގެ ޒުވާން މުވައްޒަފުން، ނަމޫނާ ލިބިގަންނަންޖެހޭ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދައުލަތަށް ޚިދުމަތް ކުރުމަކީ އުފަލަކަށް ހެދުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ގައުމަށް ހިދުމަތްކުރުމަށް ދިވެހި ޒުވާނުންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިއަދު ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވައި އެ މުވައްޒަފުންގެ ގައުމީ ވާޖިބުތަކާއި ޒިންމާތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވަޒީފާގައި އެ ޒުވާނުން ހަވާލުވެ އެ ތިއްބަވަނީ ގައުމީ ތަރައްގީގެ މުހިންމު ޒިންމާތަކަކާއި މަތިވެރި ގައުމީ ވާޖިބުތަކެއް އަދާކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ ދައުލަތުގެ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން، އަދި ވަކިން ހާއްސަކޮށް ދިވެހި ޒުވާނުން ގައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިހްލާސްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *