މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޗްޕީއޭގެ ލަފާގެ މަތިން ފަސްކުރި މިނިވަން އުފާ ކާނިވަލްގެ ހުޅުވުން މިރޭ ކުރިޔަށް ގެންދަން ނިންމައިފިއެވެ.
މިނިވަން އުފާ ކާނިވަލް އިންތިޒާމްކުރާ ހޯމް މިނިސްޓްރީ އަދި އާބަންކޯއިން ބުނީ، އިވެންޓް އޮންނާނީ މިރޭ 20:00 ޖަހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށާއި، އަދި ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 16:30 އިން ފެށިގެން 18:00 ޖަހަންދެން ސެންޓްރަލް ޕާކްގައި ކުރިޔަށްދާނެ ކަމަށެވެ.
މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަރ ޓެގް ގެ ހަރަކާތްތައް ވަނީ ހިމަނާފައެވެ.
މީގެއިތުރުން މިރޭ 21:30 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
"މިނިވަން އުފާ ކާނިވަލް"ގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައި ވަނީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށާއި، އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
"ވަނުން މުޅިން ހިލޭ މި ކާނިވަލްގައި، ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައި. ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީސިއާގެ ބާލީއަށް 7 ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއި އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެ" އާބަންކޯއިން ބުނެއެވެ.
ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.