ރައީސް ސޯލިހު "މިނިވަން އުފާ" ކާނިވާ ހުޅުއްވައި ދެއްވައިފި

311739_8fdf40e7-2_

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ހުޅުއްވައި ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން ކުރިޔަށް ގެންދާ މި ކާނިވާ ކުރިޔަށްދާނީ، މިރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

ކާނިވާ ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ހުޅުމާލެ ސެންޓްރަލް ޕާކަށް ވަޑައިގެންނެވުމުން އެދެކަނބަލުންނަށް އިސްތިގުބާލްކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲގެ ދެކަނބަލުންނެވެ.

މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.

މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފައެވެ. މިގޮތުން، ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އަދި ހަވާގެ ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

މިނިވަން ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިޔަށް ގެންދާ މިކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި އުރީދޫގެ އިތުރުން އެސްޓީއޯއާ ސްޓެލްކޯއާ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެކެވެ. މިކާނިވަލުގެ ފުރަތަމަ ރެއަށް ޚާއްސަކޮށްގެން ބޭއްވި ޙަރަކާތްތަކުގެ ތެރޭގައި ޑްރޯން ޝޯވ އަދި ހަވާއެރުވުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރާއިރު މިއަހަރަކީ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *