ހިތާމަޔަކީ މީގެ ކުރީ ސަރުކާރުތަކުގައި އަސާސީ ކަންކަން ހާސިލްވެފައި ނެތީމަ: ނައިބު ރައީސް

hk

ރައްޔިތުން ވެރިން އިސްކުރަނީ އެމީހުން ބޭނުންވާ ކަންކަން ކޮށްދޭނެކަމުގެ އުންމީދުގައި އެކަންކަން ހާސިލް ކުރުމަށް ނަމަވެސް، ކުރީގެ ސަރުކާރު ތަކުން އަސާސީ ކަންކަންވެސް ފޯރުކޮށްދީފައިނުވާކަމަށް ވިދާޅުވެ ވޭތުވެދިޔަ ސަރުކާރުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް ޞޯލިހު ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ނައިބު ރައީސް ވިދާޅުވީ، ކުރިން ތަޖުރިބާ ކުރި ކަންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. މި ސަރުކާރު އައުމުގެ ކުރިން ހުރިހާ ރައްޔިތުންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ނުތަނަވަސް ވެފައި ކަމަށެވެ.

އެގޮތުން، އެމަނިކުފާނުވެސް ފުވައްމުލަކު ރައްޔިތުންނާއި އެކު އުޅޭތާ މިހާރު 50 އަހަރުވީ ކަމަށާއި، ކުރީ ސަރުކާރުތަކުން ކޮށްދީފައިވާ ކަންކަން ވަރަށް ސާފުކޮށް ފެންނަން އެހުރީ ކަމަށެވެ. 2013 ވަނަ އަހަރު އައި ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ނަރުދަމާގެ ނިޒާމު ކަމަށާއި އެހެންނަމަވެސް، އެކަމުން ރައްޔިތުންނަށް ވީ ފަސޭހައަށްވުރެ ބޮޑަށް އުނދަގޫކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ، މި ސަރުކާރަށް ޖެހުނީ އެންމެ ފުރަތަމަވެސް ރަނގަޅަށް ނަރުދަމާގެ ނިޒާމެއް ގާއިމް ކުރިނަމަ ކުރަން ނުޖެހޭނޭ އިތުރު ހަރަދުތަކެއް ކޮށްގެން ކުރީ ސަރުކާރުން އަޅާފައި އޮތް ނަރުދަމާގެ ނިޒާމު ރަނގަޅުކުރަން ކަމަށެވެ. އެންމެ ކުޑަމިނުން އަސާސީ ހިދުމަތްތައްވެސް އެ ސަރުކާރުތަކަށް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

މީގެއިތުރުންވެސް، ފުވައްމުލަކު މަގުތަކަކީވެސް އަޅައިނުލާ ދޫކޮށްފައި އޮތް މަގުތަކެއް ކަމަށާއި، 2003 ވަނަ އަހަރު 2 ކިލޯމީޓަރުގެ މަގު ހެދުން ނޫން އިތުރުކަމެއް ކޮށްދީފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އައިސް 20 ކިލޯމީޓަރުގެ މަގު ހަދާފައިވާއިރު، ކުރިއަށް އޮތް ދައުރުގައި ހުރިހާ މަގެއް ހައްދަވާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ނައިބު ރައީސް ވިދާޅުވީ، ދަނޑިގަމުން ދޫނޑިގަމަށް ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ މި ހެޔޮ ބަދަލު ކަމަށާއި މިއީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެއިތުރުންވެސް، ކޮންމެ ވެރިއަކުވެސް އައިސް ގިރާ ސަރަހައްދުގައި ފޮޓޯ ނަންގަވާ ތަންތަނަށް އެ ފޮޓޯތައް ލިޔަސް އެއްވެސް އަމަލީ ސިފައެއްގައި ހައްލެއް ހޯދައިދީފައި ނުވާކަމަށް ވިދާޅުވެ އެކަމަށްވެސް ނައިބު ރައީސް ވަނީ ފާޑުވިދާޅުވެފައެވެ. އެކަންވެސް ހައްލުކޮށްދިނީ މި ސަރުކާރުން ކަމަށާއި، ހަގީގަތުގައި ފުވައްމުލަކަށް ބޭނުންވާ ގިނަ ކަންކަން ކޮށްދެވުނީ މި ފަސް އަހަރު ކަމަށެވެ. "ކޮބާތޯ ކުރިން ދިޔަ ދިހަ އަހަރު، ފަނަރަ އަހަރު؟ ކީއްވެތޯ ނުކުރީ؟" ނައިބު ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި އެ ރަށުގައި ސިޓީ ހޮޓަލެއްވެސް ގާއިމް ކޮށްދެއްވާނެ ކަމަށް ނައިބު ރައީސް ވަނީ މިރޭ ވިދާޅުވެފައެވެ. ފައިސަލް ނަސީމް ވިދާޅުވީ، ރައީސް ޞޯލިހަކީ ޓެސްޓެޑް ޕްރޫވަން މީހެއް ކަމަށެވެ. އަދި، މި ފަހަރުގެ އިންތިހާބުގައިވެސް ފުވައްމުލަކު ރައްޔިތުން ރައީސް ޞޯލިހާއެކު ތިއްބަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *