އަންނަ ދައުރުގައި ށ. ފީވަކު މަގު ހަދައި، ރަށްގިރުމުގެ މައްސަލަ ހައްލުކޮށް، ޖިމަކާއި ވޮލީކޯޓެއް އަޅައި، ސްކޫލަށް ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފީވަކަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ ފީވަކަކީވެސް އަޅާ ނުލާ ދޫކޮށްލާފައިވާ ރަށެއް ކަމަށެވެ. 2008 އިން ފެށިގެން 2012 އާއި ހިސާބަށް އެއްވެސް ކަމެއް އެ ރަށުގައި ހިންގާފައި ނުވާކަމަށާއި، 2014 އިން 2018 އަށް މުޅި ޖުމްލަ ހިންގީ ތިން މަޝްރޫއު ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އަންނަނީ އެ ރަށުގައި 13 މަޝްރޫއުއެއް ހިންގައި އޭގެތެރެއިން ގިނަ މަޝްރޫއުތައް ނިންމާފައެވެ.
އެގޮތުން، އެ ރަށު ބަނދަރު މިއަދު ހުޅުވިއްޖެ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އޮގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ގެޔަކަށް ފެނާއި ނަރުދަމާ ގުޅައިދެވޭނެ ކަމަށެވެ. އަދި ދައުރު މެދުން ރައްޔިތުން އެދުނު ގޮތަށް މޫދަށް އެރޭނެ ސަރަހައްދެއް ގާއިމް ކޮށްދިނުމަށް އެމްޓީސީސީއާއެކު ކޮންޓްރެކްޓް ކުރެވިފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތް ދައުރުގައި ފީވަކަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ބޮޑެތި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައި ހަދައިދެއްވާނެ ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ރިވެޓްމެންޓް ޖަހައިދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް، ޖިމަކާއި ވޮލީކޯޓެއް އަޅައިދީ، ފީވަކު ސްކޫލަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި އޮފީސް އިމާރާތެއްވެސް އަޅައިދެއްވާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ފީވަކުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެހެން ސަރުކާރު ތަކުގެ ވިސްނުން އަބަދުވެސް ހުންނަނީ ކުރިއަށް އޮތް 5 އަހަރަށް އެކަނި ކަމަށެވެ. އެ ބޭފުޅުންގެ ވިސްނުމުގައި އަންނަން އޮތް އިންތިހާބު ކާމިޔާބު ކުރެވޭނީ ހަމައެކަނި ބޮޑެތި އާބާދީތަކަށް ހާއްސަކޮށްގެން ހަރަދުކުރީމައެވެ. މި ސަރުކާރުގެ އަމާޒަކީ މިކަން ބަދަލުކޮށް ހަމަހަމަކޮށް އަސާސީ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.